ހަބަރު

ހެކީންގެ ގޮތުގައި މަހުލޫފު ދެ ނޫސްވެރިއެއްގެ ނަން ހުށަހަޅައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރުކޮށް މަހުލޫފު ދިފާއީ ހެކި ހުށަހަޅައިފި އެވެ. މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ދައުވާ އެވެ.

މަހުލޫފުގެ މައްޗަށް އިއްވާފައިވާ ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަހްލޫފް ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމަށް ފަހު ކޯޓުން ނެރެގެން ގެންދިޔަ ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

މަހުލޫފުގެ މައްސަލާގައި ބޭއްވި ތިންވަނަ އަޑުއެހުމުގައި މަހުލޫފު ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ ނޫސްވެރިއެއްގެ ނަމެވެ. މަހުލޫފު ހުށަހެޅި ދެ ނޫސްވެރިންނަކީ، ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލ. ގަން، ބީޗްހެވަން މުހައްމަދު ވިސާމާއި ވީޓީވީގެ، ނޫސްވެރިޔާ ހއ. ތުރާކުނު ވެޔޮދަށުގެ އަހްމަދު ހަމީދު އާދަމް އެވެ.

ދައުލަތުން ވެސް ވަނީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހެޅީ ހަ ފުލުހެއްގެ ނަމެވެ. އެއީ އަހްމަދު ހުސައިން، ރިލްވާން އާދަމް، މުހައްމަދު މަމްދޫހު، އަލީ މުރުތަލާ، އަހްމަދު އަބްދުލް ހަމީދު އަދި ހަސަން ފައިސަލެވެ.

މަހުލޫފުގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ، މަހުލޫފު ކޯޓުން ނެރުނު ވަގުތު އެތަނަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އާއިލާ މީހުން އެއްވެ ތިބުމުން އެމީހުންނަށް "ހައި" ޖަހާލުމަށް މަހުލޫފު މަޑުކޮށްލި ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ގަދަކަމުން ވެހިކަލަށް އަރުވަން މަސައްކަތް ކޮށްފަ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ، އެ ސަރަހައްދުގައި މަހުލޫފުގެ އަންހެނުން ހުރުމުން، ނުފެނި ގިނަ ދުވަސްވެފައިވާތީ ބައްދާލާ، ސަލާމްކޮށްލަން ބޭނުންވެ އެކަން ކުރަން އުޅުނު ކަމަށާއި އެއީ ފުލުހުންނަށް ފިލަން ކުރި ކަމެއް ނޫން ކަމަށެވެ.

މި ދައުވާ މަހުލޫފުގެ މައްޗަށް ސާބިތުވި ނަމަވެސް މަހުލޫފުގެ ގޮނޑި ނުގެއްލޭނެ އެވެ. ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވެނީ ހަ މަހުގެ ޖަލު ހުކުމެކެވެ. ގޮނޑި ގެއްލޭނީ މަދުވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްގެންނެވެ.