ހަސަން އަފީފް

މެންބަރު އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ.

އަފީފްގެ އިމްތިޔާޒުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނަވާ އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު އަފީފް ބޭރުކޮށްލީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުން އަމީންއާންމު ފާތިމަތު ލިއުޝާ ލަފާ ދެއްވާފައި ވަނިކޮށެވެ.

އަފީފްގެ އިމްތިޔާޒުގެ މައްސަލަ ބެލުމަށް އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 1:00 ގައި ފެށުމަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ. މިބައްދަލުވުމަށް އިތުރު މައްސަލައެއް އެޖެންޑާކޮށްފައެއް ނުވެ އެވެ.