އީވާ އަބްދުﷲ

އީވާއާއި އަފީފް، އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އީވާ އާއި އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް އިމްތިޔާޒު ކޮމިޓީން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ އެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނަވާ އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ. އޭގެފަހުން މިއަދު ހެނދުނު 11:30ގައި ބޭއްވި ދެވަނަ ޖަލްސާގެ ރިޔާސަތުގައި އީވާ އިންނަވައި އޭނާ ނިންމެވީ ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާގައި އަފީފް ބޭރުކޮށްލި ކަމަށް ނިންމެވި ގަރާރު ވަނީ މަޖިލީހުގެ ނިޒާމުން ބޭރުވެފައި ކަމަށާއި އެ ގަރާރު ދެން އަލުން ހުށަަނާޅަނީސް މަޖިލީހަށް އެޖެންޑާ ނުކުރެވޭނެ ކަމަށެވެ. އެގޮތަށް ނިންމެވުމަށްފަހު އީވާ ވަނީ މިއަދުގެ ދެވަނަ ޖަލްސާ ނިންމާލައްވާފަ އެވެ.

އިމްތިޔާޒު ކޮމިޓީއަށް ފުރަތަމަ ހުށަހެޅުނީ އަފީފްގެ ސުލޫކީ މައްސަލަ އެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ އަފީފްގެ ރިޔާސަތުގައި ހެނދުނުގެ ފުރަތަމަ ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އަފީފްގެ އެ އަމަލަކީ މުޅި މަޖިލީހުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކުރެއްވި ކަމަށެވެ.

މިމައްސަލަ ކޮމިޓީގައި ކުރިއަށް ދަނިކޮށް އީވާގެ އިމްތިޔާޒުގެ މައްސަލަ ބެލުމަށް ހުށަހެޅުއްވީ އެމްޑީޕީގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ. އޭނާ ވިދާޅުވީ އީވާގެ ރިޔާސަތުގައި މިއަދު ބޭއްވި ދެވަނަ ޖަލްސާވެސް ނިންމަވާލެއްވީ ގަވައިދާ ހިލާފަށް ކަމަށާއި އެހެންކަމުން އެއީ އިމްތިޔާޒުގެ މައްސަލައެއް ކަމަށް ބަލައި އެ މައްސަލަވެސް ބަލަންޖެހޭނެ ކަމަށެވެ.

އެހެންވެ މިއަދު މެންދުރު 12:00 ޖެހިއިރު ބޭއްވި އިމްތިޔާޒުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އީވާ އާއި އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

ކޮމިޓީން މިގޮތަށް ފާސްކުރުމުން މި ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅަންޖެހޭނެ އެވެ. އަދި މެންބަރުން ބަހުސްކުރުމަށްފަހު މައްސަލަައިގެ އަމަލުކުރާނެ ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.