ޣައްޒާގައި އޮތް ހަމާސްގެ ބާރުވެރިކަން ނައްތާލުމަށް ފަހު ވެސް، ޣައްޒާގެ ވެރިކަން ފަލަސްތީން އޮތޯރިޓީއާ ހަވާލުނުކުރައްވާނެ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ އެއްވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ 30 ދުވަސް ފާއިތުވެ ދިޔައިރު ވެސް ހަމާސް ކުށްވެރިކޮށް އެއްޗެއް ބުނަން ނުކެރުނު ބައެއްގެ އަތްމައްޗަށް ޣައްޒާ ދޫކޮށް ނުލަވާނެ ކަމަށެވެ.
ނަތަންޔާހޫ އެ ވިދާޅުވަނީ ފަލަސްތީންގެ އޮތޯރިޓީގެ ރައީސް މަހްމޫދޫ އައްބާސްގެ ވާހަކަ އެވެ. އައްބާސް ވަނީ ހަމާސް ކުށްވެރިކޮށް އެއްޗެއް ވިދާޅުވުމަށް ދެކޮޅު ހައްދަވާފަ އެވެ.
ނަތަންޔާހޫ އަދި ވިދާޅުވީ ފަލަސްތީން އޮތޯރިޓީއަށް ޣައްޒާ ދޫކޮށްލުމުން އެ ސިޓީގައި ޓެރަރިސްޓުން ވެސް މަސައްކަތްކުރާނެ ކަމަށާއި އޭރުން ފަލަސްތީން އޮތޯރިޓީއާ މެދު ބެލެވޭނީ ޓެރަރިސްޓުންނަށް ވާގިވެރިވާ ސަރުކާރެއް ކަމަށެވެ.
ޣައްޒާ ހަމަ ދޫކޮށްލާ ތަނުން ޓެރަރިސްޓުންތައް ބިންފަޅާ އަރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. ކިތަންމެ ޒަމަނެއް ވިޔަސް، ޔަހޫދީ އާބާދިތަކަށް ނުރައްކާ އޮތްހައި ހިނދަކު ޣައްޒާ ދޫކޮށް ނުލައްވާނެ ކަމަށް ވެސް ޔަހޫދީ ބޮޑުވަޒީރު ވިދާޅުވި އެވެ.
ނަތަންޔާހޫގެ މި ވިދާޅުވުމަކީ އެމެރިކާގެ ވިސްނުމާ ފުށުއަރާ ވިސްނުމެކެވެ.
އެމެރިކާ ބުނާ ގޮތުން ރައީސް ޖޯ ބައިޑަން ސަރުކާރުގެ ވިސްނުމަކީ ޣައްޒާއިން ޔަހުދީ ސިފައިން ފައިބައި އެ ސިޓީގެ ހިންގުން ފަަލަސްތީން އޮތޯރިޓިއާ ހަވާލުކުރުމެވެ.
ނަމަވެސް، ފަލަސްތީން އޮތޯރިޓީގެ އޮފިޝަލަކު ޚަބަރަށް ވިދާޅުވި ގޮތުގައި ޔަހޫދީންގެ އަތްދަށުގައި ހުރި ފަލަސްތީންގެ އެހެން ބިންތައް ދޫކޮށްލުމުން ނޫން ގޮތަކަށް ފަލަސްތީން އޮތޯރިޓީން ޣައްޒާއާ ހަވާލެއް ނުވާނެ އެވެ.
ހަމާސް އިން ބުނަނީ ޔަހޫދީން މި ގޮތަށް ކަންކުރިއަ ނުދޭނެ ކަމަށެވެ. ޣައްޒާގެ ހިމާޔަތުގައި ހަނގުރާމަކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
އޮކްޓޯބަރު ހަތަކުން ފެށިގެން ޔަހޫދީ އަސްކަރީ ޖެޓުތަކުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި، 11،078 އަށް ވުރެ ގިނަ މީހުން މަރުވިކަން ޣައްޒާގައި ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީއަށް ކަށަވަރުކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ނޫސް އޭޖެންސިތަކުން ބުނާ ގޮތުން ޣައްޒާގައި މަރުވި މީހުން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ އަދަދަށް ވުރެ މާބޮޑުވާނެ އެވެ.