ފިނިޕޭޖް

ޕެރިސް ހިލްޓަންއަށް ދެވަނަ ދަރިއެއް ލިބިއްޖެ

ޕެރިސް ހިލްޓަން، 42، އާއި ފިރިމީހާ ކާޓާ ރިއުމް، 42، އަށް ސަރޮގަސީ މެދުވެރިކޮށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.

މި ދެމަފިރިންނަށް މިފަހަރު ލިބުނީ އަންހެން ކުއްޖެކެވެ.

ޕެރިސް އިންސްތަގްރާމްގައި މި ހަބަރު ހިއްސާކުރި ޕޯސްޓްގައި ފިޔާތޮށި ކުލައިގެ ޓޮޕްއަކާއި ފަޔާއެއްކޮށް އިން ލެގިންގއެއް، ސޮފްޓް ޓޯއިއަކާއި ހިތެއްގެ ޝޭޕަށް އިން ފިޔާތޮށިކުލައިގެ އަވިއައިނެއްގެ ފޮޓޯ ލާފައިވެ އެވެ. އެ ޓޮޕްގައި "ލަންޑަން" ލިޔެފައިވެ އެވެ.

މި ދެމަފިރިންގެ ދޮށީ ދަރިފުޅަށް ކިޔަނީ ފީނިކްސް ބެރަން އެވެ. މި ކުއްޖާ ލިބިފައިވަނީ މިދިޔަ ޖެނުވަރީ މަހު އެވެ.

މިމަހު ކުރީކޮޅު ދަ ޕީޕަލްއަށް ދިން އިންޓަވިއުއެއްގައި އެހެން ބޭބީއެއް ހޯދަން ކެތްމަދުވެފައިވާ ކަމަށާއި ދެން ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށް ޕެރިސް ބުނެފައިވެ އެވެ. އަދި ފީނިކްސް ބެރަން ދެކެ ލޯބިވާވަރު ހާމަކުރަމުން، ޕެރިސް ބުނީ މިހާރުވެސް މަންމަ ބައްޕަ ފަދަ ބައެއް ބަސްބަސް ކިޔާ ކަމަށެވެ.

ޕެރިސް އާއި ކާޓާ 2021 ގައި ދަރިއަކު ހޯދުމަށް އިންވީޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) މެދުވެރިކޮށް މަސައްކަތްކުރިކަމަށް މިދިޔަ ޑިސެމްބަރު މަހު ބުނެފައިވެ އެވެ. އަދި މި މަރުހަލާގައި ޕެރިސްގެ އެގްސް ނަގާ ރައްކާކޮށްފައިވެ އެވެ.

ޕެރިސް އާއި ކާޓާ ޑޭޓްކުރުމަށްފަހު އެންގޭޖްވީ ފެބްރުވަރީ 2021 ގައެވެ. އަދި ކައިވެނި ކޮށްފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހު ތިންވަނަ ދުވަހު އެވެ.

ހިލްޓަން ބްރޭންޑްގެ ވެރިފަރާތް ރިޗަޑް ހިލްޓަންގެ ދެ ދަރިންގެ ތެރެއިން ދޮށީ ދަރި ޕެރިސް ހިލްޓަން އަކީ ގިނަ ކަންތައްތައް ކުރުމުގައި މަޝްހޫރުވެފައިވާ ސެލެބްރިޓީ އެކެވެ. މީގެތެރޭގައި މޮޑެލިން، ރިއަލިޓީ ޝޯތަކާއި، ފިލްމްގައި އެކްޓްކުރުން، ފޮތް ލިޔުން، ލަވަ ކިޔުން އަދި ޕެރިސް ހިލްޓަން ބްރޭންޑްގެ ސެންޓް ލޯންޗްކުރުން ހިމެނެ އެވެ.

ކާޓާ ރިއުމް އަކީ ހިލްޓަން އާއިލާގެ ގިނަ ދުވަސްވީ ރަހްމަތްތެރި އެކެވެ. އަދި އޮންޓްރަޕްރަނޯއަކަށް ވުމުގެ އިތުރުން ކާޓާ އަކީ ފޮތް ލިޔާ މީހެކެވެ. ކާޓާ ވަނީ ވެންޗާ ކެޕިޓަލިސްޓް ފާމެއް ކަމުގައިވާ އެމް 13 ފަށާފަ އެވެ.