ހަބަރު

ޕާޓީ ދޫކޮށްލައި ނަޝީދު ސިޔާސީ މައިދާނުން ދުރަށްދާން ޖެހޭ: މޫސަ

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދާ ވާހަކަތަކުގެ ސަބަބުން ރާއްޖެ އާއި އެމްޑީޕީގެ އަގުވެއްޓިފައިވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު އެމްޑީޕީ އާއި ސިޔާސީ މައިދާނާ ދުރަށް ޖެހުމަށް މޫސަ ވަނީ ގޮވާލައްވާފަ އެވެ.

ލަންކާގެ "ދަ އައިލެންޑް" ނޫހަށް މޫސަ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަ ސަރުކާރުން ދެއްވީ، ބޭސްފަރުވާއަށް ކަމަށާއި ނަމަވެސް އެ ފުރުސަތުގެ ނާޖައިޒު ފައިދާ ނަންގަވާ ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި ރާއްޖެއަކީ އައިއެސްއަށް މީހުން ފޮނުވާ ތަނެއްގެ ގޮތުގައި ސިފަކުރެއްވުމަށް ކަމަށެވެ.

"ނަޝީދުގެ ވާހަކަތަކުން އޭގެ އެއްވެސް ގެއްލުމެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކަށް ނުކުރޭ، ނަމަވެސް އެމްޑީޕީއަށާއި ރާއްޖޭގެ އިގުތިސޯދު ބިނާވެފައިވާ ޓޫރިޒަމަށް މީގެ އަސަރު ދަނީ ކުރަމުން،" ރީކޯ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން އަންނަ ރީކޯ މޫސާ މަނިކު ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ އުސޫލުތައް ދަމަހައްޓާ، އައިއެސްއާ މުޅިން ދެކޮޅު ގައުމެއް ކަމަށާއި ރައީސް ނަޝީދު ރާއްޖެއަށްކުރާ ތުހުމަތުތަކުން ލިބޭ ގެއްލުން އެމަނިކުފާނަށް އެނގިލައްވަންޖެހޭނެ ކަމަށެވެ.

"ނަޝީދަށް އެނގިލައްވަން ޖެހޭނެ އެ ދޮގު ތުހުމަތުތަކުގެ ސަބަބުން ގެއްލުންވަނީ ރައްޔިތުންނަށްކަން، މިއީ ނަޝީދު ލީޑަރެއްގެ ގޮތުން ސިޔާސީ މައިދާނުން އެކަހެރިވާންވީ ވަގުތު، އަދި އެހެން މީހަކަށް އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތި ލެއްވުމަށް ފުރުސަތު ދޭންވީ ވަގުތު،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ފަންޑުން 80 އިންސައްތަ ހަރަދުކުރަނީ ނަޝީދުގެ މޫނުމަތި ރީތިކުރަން ކަމަށާއި ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުން ޓީމަށް އެމްޑީޕީއިން ބޮޑު ހަރަދުތަކެއް ކުރަމުންދާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އެތައް ބަޔެއްގެ ގުރުބާނީތަކަކުން އުފެދުނު ޕާޓީއެއް އެންމެ މީހަކަށްޓަކައި ދުއްވައެއް ނުލެވޭނެ، ނަޝީދުގެ ލީޑަޝިޕްގައި އެމްޑީޕީއަށް މިހާރު ވެސް ވަނީ ހަތަރު އިންތިހާބެއް ނާކާމިޔާބުވެފައި، މިކަން ނިމުމަކަށް ގެންނަން ވެއްޖެ، އެމްޑީޕީ ރައްކާތެރިކުރުމުގެ މަގުސަދުގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އަޅުގަނޑު ވާނީ ނިންމާފައި،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ނަޝީދު ގެންގުޅުއްވާ މަގުމަތީގެ އުސޫލުތަކުގެ ސަބަބުން އެމްޑީޕީގެ އެތައް ސަޕޯޓަރުންނެއް ގެއްލި، ރައީސް ޔާމީންގެ ސަރުކާރުގެ ވަރުގަދަވެ، ދެވަނަ ދައުރަކަށް އިންތިހާބު ވެދާނެ ކަމަށް ބެލެވެފައިވާ ކަމަށެވެ.

"އަޅުގަނޑު ވަނީ 1982 ވަނަ އަހަރުގެ ޖުލައި މަހު 14 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލާފައި، އެއީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްގެން، ނަމަވެސް ބޭރާއި އެތެރޭގެ ޕްރެޝަރުތަކެއްގެ ސަބަބުން 1987 އަހަރުގެ ޑިސެމްބަރުގައި ވަނީ ދޫކޮށްލާފައި، އަޅުގަނޑާއި އަދި މަދު ބަޔަކު އެމްޑީޕީ އުފެއްދީ، ނަޝީދު ވަޑައިގަތީ މާފަހުން، ޕާޓީ ހައިޖެކްޓްކުރެއްވާ އަމިއްލަ މުދަލެއްގެ ގޮތުގައި އެދަނީ ބޭނުންކުރަމުން، ނަމަވެސް ދެން ނުތިބެވޭނެ، އަޅުގަނޑުމެންނަށް ނުތިބެވޭނެ ނަޝީދުގެ ގޮއްދޫނުކުރުމުގެ ސަބަބުން އެމްޑީޕީއަށް ލިބޭ ގެއްލުންތައް ބަލާކަން، ނަޝީދަކީ އަޑުއަހަން ބޭނުންނުވާ އަދި ބަދަލުވާން ވެސް ބޭނުންވާ ބޭފުޅެއް ނޫން،" މޫސަ މަނިކު ވިދާޅުވި އެވެ.