ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ކަމަށް އިއުލާންކޮށްފި އެވެ.
ރައީސް ޔާމީނާ އެކު މަސައްކަތް ކުރާ ޓީމުން މިރޭ ވަނީ އެމަނިކުފާނުގެ އާ ޕާޓީގެ ނަމާއި، ލޯގޯ އިއުލާންކޮށް އެ ޕާޓީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް އެކްޓިވްކޮށްފަ އެވެ.
ރައީސް ޔާމީން އެންމެ ފަހުން ހުންނެވި ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާކަން އެމަނިކުފާނުގެ ޓީމުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މިއިއުލާނާ އެކު ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުންނާ ދެމެދު ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.
ސިޔާސީ މައިދާނަށް ބަދަލެއް ގެންނާނެ ކަމަށް ބެލެވޭ ޕީއެންއެފްގެ މައުލޫމާތު ހާމަކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވި ނަމަވެސް އެމަނިކުފާނު މިވަގުތު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ ޕާޓީގެ މަސްއޫލުވެރިޔަކަށް ނުވެވޭނެ އެވެ.
ސިޔާސީ ޕާޓީގެ ގަވައިދުގެ ހަވަނަ މާއްދާގެ (ހ)ގެ ހަތަރުވަނަ ނަންބަރުގައި ބުނެފައިވަނީ އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒުކުރެވެމުންދާ މީހަކަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުމުގެ ފުރުސަތު ނެތް ކަމަށެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ ހޯދުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްފަހު ވީހާވެސް އަވަހަށް މި ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ޔާމީންގެ ޓީމުން ގެންދަނީ ބުނަމުންނެވެ.
ރައީސް ޔާމީން މީގެކުރިން ވަނީ ޕީޕަލްސް އެލަޔަންސްގެ ނަމުގައިވެސް ޕާޓީއެއް އުފައްދަވާފަ އެވެ. މިރޭ އިއުލާންކުރި ޕާޓީގެ ނަމާއި ކުލަ، ޕީޕަލްސް އެލަޔަންސްގެ ނަމާއި ކުލައާއި ވަރަށް ބޮޑަށް އެއްގޮތެވެ.