ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުންނެވީ އިސްތިއުފާ ދެއްވަން ތައްޔާރަށް ކަމަށް ބުނާ ހަބަރުތަކެއް މެދުއިރުމަތިން އުފަންވެއްޖެ އެވެ.
ސިޔާސީ ލީޑަރުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން އަމިއްލަ ރައްޔިތުންގެ ފަރާތުން ނަތަންޔާހޫއަށް ކުރިމަތިވެ ވަޑައިގެންފައި އޮތް ނުރުހުންތަކާ ހެދި ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ އެވެ.
ނަތަންޔާހޫ އިސްތިއުފާ ދެއްވަުމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ހަމާސް އިން އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އާބާދިތަކަށް ވަދެގަނެ ދިން ހަމަލާތަކުގެ ސަބަބުން އަމިއްލަ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބެހެލެއްޓެވުމުގައި ނަތަންޔާހޫ ވަރަށް ބޮޑަށް ފޭލިވެފައިވެ ވަޑައިގެންފައިވާ ކަމަށް ބުނެ ޔަހޫދީ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ އެއްވުންތައް ބާއްވަމުންނެވެ.
ނަތަންޔާހޫ އިސްތިއުފާ ދެއްވުމަށް ގޮވާލުމަށް މިލިއަނުން ޖަމާވަމުން އަންނަ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ނަތަންޔާހޫ އިސްތިއުފާ ދެއްވާނެ ކަމަށް ސިޔާސީ ލީޑަރުން ވިދާޅުވަނީ ޣައްޒާ ހަނގުރާމަ ކޮޅެއްގައި ޖެހުމަށްފަހު ކަމަށެވެ. ސަރަހައްދުގައި ސުލްހަ ގާއިމުވެފައި އޮތުމަކީވެސް ނަތަންޔާހުގެ ވިސްނުންފުޅެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާއާ ގުޅިގެން މެދުއިރުމައްޗާ މެދު ޒަޔަނިސްޓުން ރާވަމުން ގެންދާ ރޭވުމަކީ ކޮންމެވެސް ޒާތެއްގެ ސުލްހައިގެ ޕްލޭނެއް އެކުލަވާލުން ކަމަށް ވެސް އަޑުތައް އިވެ އެވެ.
ނަތަންޔާހޫއާ މެދު އޭނާގެ މީހުން އަރައިގެންފައި އޮތް ރުޅިގަނޑު މައިތިރިކުރުމަށް ޔަހޫދީންނަށް މޮޅު ގޮތް އޮންނަ ގޮތަށް ސުލްހައިގެ ރޭވުމެއް އަރަބިންނާ އެކު ހެއްދެވުމަކީވެސް ޔަހޫދީން އަޑީގައި ތިބެގެން ރާވާ ރޭވުމެއް ކަމަށް ބުނެވެ އެވެ.
ބެންޖަމިން ނަތަންޔާހޫ އަކީ ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒު ފައިދާ ނެންގެވުމުގެ ކުށުގައި ދައުވާ އުފުލާފައި އޮތް ބޭފުަޅެކެވެ.
ބޮޑުވަޒީރުގެ މަގާމުން ވަކިވެ ވަޑައިގަތް ނަަމަވެސް ޝައުރީ މަޅިގައި ޖެހިވަޑައިގެން އުމުރުގައި ބާކީ އޮތް ދުވަސްތައް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީވެސް އެކަށީގެންވާ ކަމެވެ.
މިހެން ކަން އޮތުމުން ސިޔާސީ ލީޑަރުންނާ މަޝްވަރާކުރައްވައި އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާގެ ހިމާޔަތުގައި ވެސް ފިޔަވަޅުތަކެއް ނަތަންޔާހޫ އަޅުއްވާނެ ކަމަށް ބުނެވެ އެވެ.
އެއީ އޭނާގެ ރުހުމުގައި އަމިއްލައަށް މަގާމު ދޫކޮށްްލައްވައިފިނަމަ އޭނާއަށް ދައުވާ ނުކުރުން އަދި ޕްރޮސެކިއުޓަރުން އުފުލާފައި ހުރި ދައުވާތައް ދޫކޮށްލުން ހިމެނެ އެވެ.