ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީ -- ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުއްވީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ މަސްއޫލުވެރިކަމުގައެވެ.

ރައީސް ޔާމީން ބޭނުންފުޅުވީ ޕީއެންއެފްގެ މަސްއޫލުވެރިންގެ ގޮތުގައި އަށް ބޭފުޅުން ހިމެނުމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ކަމާ ގުޅޭ ގަވައިދުތައް ހުރި ގޮތުން ޕާޓީއެއް އުފެއްދުމަށް މަސްއޫލުވެރިޔަކަށް ހިމެނެނީ އެއް ބޭފުޅަކު ކަމަށް ވާތީ ޒޭންގެ ނަމުގައި ފޯމް ހުށަހެޅުއްވީ އެވެ.

ޕީއެންއެފްގެ މަސްއޫލުވެރިންގެ ގޮތުގައި ހިމަނަން މަސައްކަތް ކުރި އަށް ބޭފުޅުން

  • ކުރީގެ ރައީސް އަބްދުﷲ ޔާމީން
  • ކުރީގެ ނައިބް ޑރ. މުހައްމަދު ޖަމީލް އަހްމަދު
  • ޒޭން އަބްދުﷲ ޔާމީން
  • ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ
  • ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދަމް
  • މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީ؛ް
  • ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު
  • ޑރ. ޖިހާދު

ފޯމު ހުށަހެޅުމަށް އީސީއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެވެ.

މީގެއިތުރުން ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލްއާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި ކުރީގެ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވެސް މި ޓީމުގައި ހިމެނެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް މިއަދު ހުށަހެޅުމަށް ކަމާ ގުޅޭ ލިޔުންތަކާ ހަވާލުވެވަޑައިގަތީ އީސީގެ ރައީސް ފުއާދު ތައުފީގު އެވެ.

ރައީސް ޔާމީނާ އެކު މަސައްކަތް ކުރާ ޓީމުން ރޭ ވަނީ އެމަނިކުފާނުގެ އާ ޕާޓީގެ ނަމާއި، ލޯގޯ އަަދި ކުލަ އިއުލާންކޮށް އެ ޕާޓީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް އެކްޓިވްކޮށްފަ އެވެ.

ރައީސް ޔާމީން އެންމެ ފަހުން ހުންނެވި ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާކަން އެމަނިކުފާނުގެ ޓީމުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މިއިއުލާނާ އެކު ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުންނާ ދެމެދު ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.

ސިޔާސީ މައިދާނަށް ބަދަލެއް ގެންނާނެ ކަމަށް ބެލެވޭ ޕީއެންއެފްގެ މައުލޫމާތު ހާމަކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ޑރ. ޖަމީލް އާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ކުރީގެ ވަޒީރު މަލީހް ޖަމާލް އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވި ނަމަވެސް އެމަނިކުފާނު މިވަގުތު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ ޕާޓީގެ މަސްއޫލުވެރިޔަކަށް ނުވެވޭނެ އެވެ.

ސިޔާސީ ޕާޓީގެ ގަވައިދުގެ ހަވަނަ މާއްދާގެ (ހ)ގެ ހަތަރުވަނަ ނަންބަރުގައި ބުނެފައިވަނީ އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒުކުރެވެމުންދާ މީހަކަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުމުގެ ފުރުސަތު ނެތް ކަމަށެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ ދިނުމާއެކު ވީހާވެސް އަވަހަށް މި ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ޔާމީންގެ ޓީމުން ގެންދަނީ ބުނަމުންނެވެ.

ރައީސް ޔާމީން މީގެކުރިން ވަނީ ޕީޕަލްސް އެލަޔަންސްގެ ނަމުގައިވެސް ޕާޓީއެއް އުފައްދަވާފަ އެވެ. ރޭ އިއުލާންކުރި ޕާޓީގެ ނަމާއި ކުލަ، ޕީޕަލްސް އެލަޔަންސްގެ ނަމާއި ކުލައާއި ވަރަށް ބޮޑަށް އެއްގޮތެވެ.