ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން ގިފްޓް ވައުޗަރާއި އެއާލައިން މައިލްސް ލިބޭގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމް "ބީއެމްއެލް ރިވޯޑްސް" އަށް ލޯކަލް ގިފްޓް ވައުޗާ އަދި އެއާލައިން މައިލްސް އެކްސްޗޭންޖް އިތުރުކޮށްފި އެވެ.

މި ބަދަލާއެކު ހޮޓެލް، ފްލައިޓް އަދި ގިފްޓް ކާޑުގެ އިތުރުން ބީއެމްއެލް ރިވޯޑްސް ފޮއިންޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ގަތަރު އެއާވޭސް، އެއާ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ އެކިއެކި އެއާލައިންތަކުގެ ފްރީކުއެންޓް ފްލެޔަ މައިލްސް ހޯދޭނެ އެވެ.

މީގެ އިތުރުން ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯއަ ޓްރީސް، ހަމީދިއާ އަދި ސޮނީ ސްޕޯޓްސް ފަދަ ރާއްޖޭގެ ރީޓެއިލް ފިހާރަތަކުގެ ވައުޗަރުވެސް މިހާރު ލިބޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރިޑީމް ކުރެވޭ އައު ގޮތްތައް އިތުރުކޮށް ކަސްޓަމަރުންނަށް ރިޑީމްކުރުމުގެ އިތުރު ފުރުސަތަކެއް ހޯދައިދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ލޯޔަލްޓީ ޕްރޮގްރާމަކީ ރާއްޖޭގައި މިގޮތަށް ކާމިޔާބުކަމާއެކު ހިނަގަމުންދާ އެންމެ ބޮޑު ޕްރޮގްރާމް. ފްލައިޓް، ހޮޓެލްސް، ގިފްޓް ކާޑުގެ އިތުރުން މިހާރު މިވަނީ އެއާލައިން މައިލްސް ރިޑީމް ކުރެވޭ ގޮތް ހަމަޖެހިފައި،" ކާލް ވިދާޅުވި އެވެ.

އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ބީއެމްއެލް ރިވޯޑްސް އަށް ރަޖިސްޓާ ކުރެވޭނެ އެވެ.

ރަޖިސްޓާ ކުރުމަށްފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެ އެވެ. މިގޮތަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިންސް، ހޮޓެލްސް، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ރާއްޖޭގެ އެކި ބްރޭންޑް ތަކުގެ އިތުރުން އެމޭޒަން، ގޫގުލް ޕްލޭ، އެޕަލް ފަދަ ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.