ދުނިޔެ

ޔަހޫދީ ޖެޓުތަކުން ޣައްޒާއަށް 40،000 ޓަނުގެ ބަޑިބޭސް އަޅައިފި

ޒަޔަނިސްޓުން އޮކްޓޯބަރު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 40،000 ޓަނުގެ ބަޑިބޭސް ޣައްޒާގެ ފަސްގަނޑަށް އަޅާފައިވާ ކަމަށް ސަރުކާރުގެ މީޑިއާ އޮފިސަރު، ސަލަމާ މައުފޫފް ވިދާޅުވެއްޖެ އެވެ.

ސަލަމާ މައުރޫފް ޓެލެގްރާމްގައި ކުރެއްވި އިއުލާނެއްގައި ވިދާޅުވި ގޮތުން ޣައްޒާގެ ފަސްގަނޑަށް ދުވަހަކުވެސް އަޅާފައި ނުވާ ވަރުގެ ބާރުގަދަ ބޮންތައް މި ފަހަރު ޔަހޫދީން ވަނީ އަޅާފަ އެވެ. އޭނާ އަދި ވިދާޅުވީ މިހާ ވަރަށް ބަޑިބޭސް ބޭނުންކުރުމުގެ ބޭނުމަކީ ތަނަކުން ދިރުން ނައްތާލަން ކަމަށެވެ.

ސަލަމާ ވިދާޅުވީ އެ ތަނަކީ ޣައްޒާ ކަމަށެވެ.

އޭނާ ވިދާޅުވީ ޔަހޫދީންގެ ހަމަލާތައް ޒަމާނީ ކެމެރާތަކަށް އަރާފައި ވާނެ ކަމަށެވެ. މިއީ ޔަހޫދީންނަށް އުޒުރު ދެއްކެން ނެތް ވަރަށް އެ މީހުން ފަލީހަތްވާނެ މަންޒަރުތަކަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޣައްޒާގެ ފަސްގަނޑަށް އެޅި ބޮންތައް ގޮވައިގެން ދިއުމުގެ ސަބަބުން އުފެދުނު ބޮޑެތި ވަޅުގަނޑުތަކުގައި ވަޅުލެވިފައި އަދިވެސް މީހުން ތިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސަލަމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަޖުރިބާކުރަން ބޭނުންކުރި ނަމަވެސް އިންސާނުންނާ ދެކޮޅަށް ބޭނުންކުރަން ހެޔޮ ނުވާ ވަރަށް ޣައްޒާއަށް ބަޑިބޭސް އަޅާފައިވާ ކަމަށެވެ.

ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން މިހާރު އޮތީ ހުއްޓާލާފަ އެވެ. އެއީ އަސީރުން ބަދަލުކުރުމަށާއި ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަރުވާ ވެއްދުމަށެވެ.

ހަމަލާތައް ހުއްޓާލާފައި އޮތް މި ދަނޑިވަޅުގައި ޔަހޫދީން ޣައްޒާއަށް ދީފައި ހުރި ގެއްލުންތައް ބައްލަވާނެ ކަމަށް ސަލަމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ޔަހޫދީން ޣައްޒާއަށް ދީފައި ހުރި ގެއްލުންތަކަކީ ދުވަހަކުވެސް އަރައިގަނެވޭނެ ގެއްލުންތަކެއް ނޫނެވެ.

ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕްތައް އަދި ސްކޫލުތަކަށް ދީފައި ހުރި ގެއްލުތައް މަރާމާތުކުރުމަށް ވުރެ އަލުން އިމާރާތްކުރުންވެސް އެކަން ކުރާ ބައެއްގެ ބޮލަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާ އަލުން އާރާސްތުކުރުމަށް މުޅި ދުނިޔޭގެ އެހީތެރިކަން ބޭނުންވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާ އަކީ ކޮންމެވެސް ބައެއްގެ ގެދޮރު އެ ބިމެއްގައި ހުރި ރަށެއް ކަމަށް ސަލަމާ ވިދާޅުވި އެވެ. އެ މީހުންނަށް އަމިއްލަ ގެދޮރަށް ވަދެވޭނެ ޒަމާނެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.