ފިނިޕޭޖް

"ޑިއުން: ޕާޓް 2" ރިލީޒްކުރުން ދެ ހަފްތާއަށް އަވަސްކޮށްފި

ވޯނާ ބްރަދާސްއިން "ޑިއުން"ގެ ސިކުއެލް، "ޑިއުން: ޕާޓް 2" ރިލީޒްކުރުން ދެ ހަފްތާ އަވަސްކޮށްފި އެވެ.

މި ބަދަލާ ގުޅިގެން މި ފިލްމު ދެން ރިލީޒްކުރާނީ މާޗް، 24، 2024 ގައެވެ.

ޑެނީ ވިލްނޭވް ޑައިރެކްޓް ކުރި މި ފިލްމު ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިމަހުގެ 3 ގައެވެ. އެހެން ނަމަވެސް ހޮލީވުޑްގައި 100 އަށް ވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ދިޔަ އިހުތިޖާޖާ ގުޅިގެން މި ފިލްމު އަންނަ މާޗް މަހުގެ 15 އަށް ފަސްކޮކުރަން މަޖުބޫރުވީ އެވެ.

ފިލްމު އަޅުވާ ތާރީހް ފަސްކުރި ދެވަނަ ސަބަބަކީ މި ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި ކަމުގައިވާ ލެޖެންޑަރީ ޕިކްޗާސް އާއި ޑިސްޓްރިބިއުޓް ކުރާ ކުންފުނި ވޯނާ ބްރަދާސް އިން މި ފިލްމްގެ ދެ ތަރިން ކަމުގައިވާ ޓިމޮތީ ޗެލެމާ އާއި ޒެންޑާޔާ މެދުވެރިކޮށް ޕްރޮމޯޝަނަލް އިވެންޓްތައް ބާއްވަން ބޭނުންވުމެވެ.

ހޮލީވުޑްގައި ކުރިއަށް ދިޔަ އިހުތިޖާޖުގެ ދުވަސްވަރު އެއްވެސް ސެގް-އާފްޓްރާ މެމްބަރަކަށް ފިލްމް ޕްރޮމޯޓް ނުކުރެވޭއިރު، އެއްވެސް ޕްރޮމޯޝަނަލް ހަރަކާތެއްގައިވެސް ބައިވެރިނުވެވެ އެވެ.

ވޯނާ ބްރަދާސް އިން "ޑިއުން: ޕާޓް 2" ރިލީޒްކުރާ ތާރީހަށް މިފަހަރު ބަދަލު މިގެނައީ ރަޔާން ގޮސްލިން އާއި އެމިލީ ބްލަންޓްގެ "ދަ ފޯލް ގާއީ" މާޗް 1، 2024 އިން މޭ 3، 2024 އަށް ބަދަލުކުރުމާ ގުޅިގެން، ވޯނާ ބްރަދާސްގެ ރިލީޒްކުރާ ފިލްމެއް ނެތް ދުވަސްވަރެއް އުފެދުމުންނެވެ. އެހެން ކަމުން "ޑިއުން: ޕާޓް 2" ރިލީޒް ކުރާ ތާރީހް އަވަސްކޮށް، ވޯނާ ބްރަދާސް އާއި ލެޖެންޑަރީގެ އުއްމީދަކީ އެމެރިކާގެ ބަހާރު މޫސުމާ ގުޅިގެން ކޮލެޖް އަދި ޔުނިވާސިޓީތަކަށް އަންނަ ބަންދުގެ ފައިދާ މި ފިލްމުން ހޯދުމެވެ.

ޓިމޮތީ އާއި ޒެންޑާޔާގެ އިތުރުން މި ފިލްމްގެ މުހިއްމު ރޯލްތަކުގައި ރެބެކާ ފާގަސަން، ޖޯޝް ބްރޯލިން، ސްޓެލަން ސާސްގާޑް، ޗާލޮޓް ރޭމްޕްލިން އަދި ޑޭވް ބޯޓިސްޓާ ހިމެނެ އެވެ. އަދި ފުރަތަމަ ފިލްމުގައި އޮސްކާ އައިސޭކް، ޖޭސަން މޯމޯއާ، ހާވިއާ ބާޑެމް އާއި ޗެންގް ޗެން ހިމެނޭއިރު، ދެވަނަ ފިލްމުގައި އާ ކެރެކްޓަރުންގެ ގޮތުގައި ފްލޮރެންސް ޕިއު، ކްރިސްޓޮފާ ވޯކަން، އޮސްޓިން ބަޓްލާ، ލިއާ ސޭޑޫ އަދި ސުހޭލާ ޔާކޫބް ހިމެނެއެވެ.

"ޑިއުން"ގެ ދެ ފިލްމަކީ 1965 ގައި ފްރޭންކް ހާބާޓް ނެރުނު ވާހަކައަކަށް ބިނާކޮށްފައިވާ ދެ ޕާޓްގެ ފިލްމު ސީރީޒެކެވެ. މި ވާހަކައަށް މީގެ ކުރިން ފިލްމަކާއި ޓީވީ މިނީ ސީރީޒެއް ހަދާފައިވެ އެވެ.