އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް އެމްޑީޕީ އިން ޖުމްހޫރީ ޕާޓީއަށް ސިޓީއެއް ފޮނުވާފަ އެވެ.
އެމްޑީޕީގެ މިފަދަ ސިޓީއެއް ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ކަމަށް އެ ޕާޓީން އަވަސްއަށް ޔަގީންކޮށްދީފައިވެ އެވެ. ނަމަވެސް އެމްޑީޕީގެ ސިޓީއާ މެދު ޖޭޕީގެ ކައުންސިލުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެމްޑީޕީ އިން ޖޭޕީއަށް ސިޓީއެއް ފޮނުވާފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ބައެއް ޕާޓީތަކާ ގުޅިގެން އިންތިހާބުގައި ވާދަކުރުމަށް ނިންމާ ޕާޓީތަކާ މަޝްވަރާކުރުމަށް ޖޭޕީ ކައުންސިލުން ފަސް މެންބަރުންގެ ޓީމެއްވެސް އެކުލަވާލާފައި ވަނިކޮށެވެ.
މިޓީމުގެ ބޭފުޅުން މިހާރު ވަނީ ވެރިކަން ކުރާ ޕީއެންސީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއާއި ޖޭޕީން ވާދަކުރާނެ ދާއިރާތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އެމްޑީޕީއަކީ އާންމު ގޮތެއްގައި މަޖިލީހުގެ ހުރިހާ ދާއިރާތަކަށްވެސް ވާދަކުރާ ޕާޓީ އެކެވެ.
މަޖިލީހުގައި މިވަގުތު އެމްޑީޕީގެ 54 މެންބަރުން ތިބިއިރު ޖޭޕީއަށް ނިސްބަތްވާ ތިއްބެވީ ދެ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ލަފައަކަށް އެދުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް ލަފާ ދީފަ އެވެ. ނަމަވެސް އެހާ ފަސްކޮށް އިންތިހާބު ބާއްވައިފިނަމަ ދެވަނަ ބުރެއް ބާއްވަންޖެހޭ ދާއިރާތަކުގައި ދިމާވާނެ މައްސަލަތަކެއް ހުންނާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން ހޮވާނެ އެވެ.