ދުނިޔެ

ޣައްޒާއިން ދޫކޮށްލި ގައިދީންނަށް ގޯނާކޮށްފައެއް ނެތް: ޔަހޫދީ މީޑިއާ

ހަމާސް އިން އަސީރުކުރި ޔަހޫދީން ހަނގުރާމައިގެ ގައިދީން ގޮތުގައި ބޭތިއްބުމަށްފަހު ޣައްޒާއިން ދޫކޮށްލިއިރު އެއްވެސް ޒާތެއްގެ ގޯނާއެއް، އަނިޔާއެއް ކޮށްފައި ނުވާ ކަމަށް ޔަހޫދީ މީޑިއާތަކުން ބުނެފި އެވެ.

ޔަހޫދީ ޗެނަލް 12 އިން ގެނެސްދިން ރިޕޯޓެއްގައި، އަސީރުން ގޮތުގުގައި ހަމާސް އިން ހިފެހެއްޓި ކިތަންމެ ބަޔަކާ ވަނީ ވާހަކަދައްކައި މައުލޫމާތު ދީފަ އެވެ.

އެ މީހުން ކިޔައިދިން ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ނަމަވެސް އެ މީހުންނާ މެދު އިހާނެތިކޮށް ހިތައި ޖެއްސުންކޮށް އެއްވެސް ކަމަކުން މަހުރޫމްކޮށްފައެއް ނުފެ އެވެ.

އެކަމަކު ޣައްޒާއަށް ކާބޯތަކެތި ވެއްދުން ޔަހޫދީން މަނާކޮށްފައި އޮތްއިރު، އަސީރުންނަށް ކާންދިނުމުގައި ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ދެމެހެއްޓި ކަމަށް އެމީހުން ބުންޏެވެ.

ބަނޑުހައިކަން އިންތިހާއަށް އިހްސާސްވެގެން ދިޔައިރުވެސް، ބަތް ކާންދޭ ކަމަށް ޔަހޫދީން ބުންޏެވެ. އެކަމަކު އެވަރުން ވެސް ހައިކަން ފިލައިގެން ނުދާ ކަމަށް އެ މީހުން ކިޔައިދިނެވެ.

އަސީރުންނާ މެދު ހަމާސް އިން ކަންކުރީ ވަރަށް ރަނގަޅަށް ކަމަށާއި ޔަހޫދީ ރޭޑިއޯ ޗެނަލްތައް އަޑުއެހުމަށް ފުރުސަތު އޮތް ކަމަށްވެސް ޣައްޒާއިން ދޫކޮށްލި މީހުން ބުންޏެވެ.

ޣައްޒާއަށް ކާބޯތަކެއް ވެއްދޭނެ ގޮތެއް ނެތުމުން އަސީރުންނަށް މުޅިންހެން ކާންދިނީ ބަތާއި ސަނާމުގާއި، ޕާން އަދި ބީންސް ކަމަށް އަސީރުންގެ ސިއްހަތު ބަލައި ޗެކްކުރި ޔަހޫދީ ޑޮކްޓަރަކު ވެސް ބުންޏެވެ.

ޑޮކްޓަރު ބުނީ އަސީރުންގެ ކެއުން ކޮންޓްރޯލްކުރުމުގެ ސަބަބުން ބައެއް މީހުން 20 ކިލޯ ލުއިވި ކަމަށެވެ. އަދި ބައެއް މީހުން 12 ކިލޯ -- ނުވަ ކިލޯ ލުއިވި މީހުން ތިބި ކަމަށްވެސް ބުންޏެވެ.

ޒަޔަނިސްޓް ވެރިންނާ ހަމާސްއާ ދެމެދު ގަތަރާއި ތުރުކީ މެދުވެރިކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން ނޮވެމްބަރު 24 އިން ފެށިގެން މިހާރު އޮތީ ހަމަލާތައް މެދުކަނޑާލާފަ އެވެ. މި މުއްދަތުގެ ތެރޭގައި ޣައްޒާއަށް ކާބޯތަކެތި ވެއްދުމާއި އަސީރުން -- ހަނގުރާމައިގެ ކުށްވެރިން ވަނީ ބަދަލުކޮށްފަ އެވެ.

ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑާލުމަށްފަހު އަލުން ހަމަލާތައް ފަށާނެ ކަމަށް ޒަޔާނިސްޓުން އޮތީ ބުނެފަ އެވެ. ނަމަވެސް ހަމަލާތައް މުޅިން ހުއްޓާލަށް އދ އިން އޮތީ ގޮވާލާފަ އެވެ.

ހަމަލާތައް ހުއްޓާލައި ހަނގުރާމަ މުޅިން ހުއްޓާލުމަށް އަރަބި ގައުމުތަކުން -- ގަތަރާއި މިސްރު އަދި ތުރުކީ މެދުވެރިކޮށް އަންނަނީ މަޝްވަރާކުރަމުންނެވެ. މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވޭ ކަމަށް މަޝްވަރާގައި ބައިވެރި މެންބަރުން ބުންޏެވެ.