ދެކުނު ކޮރެއާގެ ކާމިޔާބު ޕޮޕް ބޯއީ ބޭންޑް -- ބީޓީއެސްގެ ޖިއޮން ޖުންގް-ކުކް، 26، އަންނަ މަހު އަސާސީ އަސްކަރީ ހިދުމަތް ފަށާނެ ކަމަށް ބުނެފި އެވެ.
މި ހަބަރު ޖުންގް ކުކް އިއުލާންކުރީ ވިވާސްގައި މެދުވެރިކޮށް ނެރުނު ބަޔާނެއް ގައެވެ.
ޖުންގް ކުކް ބުނީ ޑިސެމްބަރުގައި އާ ސަފްހާއެއް ފަށާ، އަސްކަރިއްޔާއާ ގުޅުމަށް ފޭނުންނާ ކުޑަ ވަގުތުކޮޅަކަށް ވަކިވާނެ ކަމަށެވެ.
ޖުންގް ކުކް ބުނީ އޭނާ ހަޔާތުގައި މިއަދު ހުރި ހިސާބަށް އާދެވުނީ ފޭނުންގެ ލޯތްބާއި ސަޕޯޓާ އެކު ކަމަށާއި އެކުގައި ވީތީ ޝުކުރު އަދާކުރާ ކަމަށެވެ.
މީގެ އިތުރުން ހަތް މެންބަރުން ހިމެނޭ ބީޓީއެސްގެ މެނޭޖަރު ބިގް ހިޓް މިއުޒިކް ކުންފުނިން ބުނީ ބީޓީއެސްގެ އަސާސީ އަސްކަރީ ތަމްރީން ނުފަށާ ތިބި މެންބަރުން ކަމުގައިވާ އާރްއެމް، ޖިމިން އަދި ވީ ވެސް އެ ތަމްރީން ފެށުމަށް އޮތް މަރުހަލާގެ ކަންކަން ފަށާފައިވާ ކަމަށެވެ.
ސައުތު ކޮރެއާގެ ގާނޫނުތައް ބުނާ ގޮތުން ސިއްހަތު ރަނގަޅު ކުޅަދާނަ ހުރިހާ ފިރިހެނުން އެމީހުންގެ އުމުރުން 28 އަހަރު ވުމުގެ ކުރިން 18 މަހާއި 21 މަހާ ދެމެދުގެ މުއްދަތުގެ އަސްކަރީ ހިދުމަތް ފުރިހަމަކުރަން ޖެހެ އެވެ. ބީޓީއެސްގެ މެންބަރުން މި ހިދުމަތް ފުރިހަމަ ކުރުމާބެހޭގޮތުން 2020 ވަނަ އަހަރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްފަހު، އެ ގައުމުގެ ކަމާ ގުޅޭ އިދާރާތަކުން ނިންމާފައިވަނީ "ސަގާފަތާއި ފަންނީގޮތުން މޮޅު" ސައުތު ކޮރެއާގެ ތަރިން އުމުރުން 30 އަހަރު ވަންދެން މިލިޓަރީ ހިދުމަތް ފުރިހަމަކުރުން ފަސްކުރެވިދާނެ ކަމަށެވެ.
ބީޓީއެސްގެ މެމްބަރުން ބޭންޑްގައި މަސައްކަތްކުރުމުގެ އިތުރުން ސޯލޯ ކެރިއަރުވެސް ފަށައި، އަލްބަމްތަކާއި ސިންގަލް ލަވަ ނެރެފައިވެ އެވެ. އެގޮތުން ޖުންގް ކުކް ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ތީމް ލަވައެއް ކަމަށްވާ "ވީ އާ ދަ ޑްރީމާޒް" ފަހަދް އަލް ކުބައިސީއާއެކު ކިޔާފަ އެވެ.
މި ބޭންޑްގެ ޑޮކިއު ސީރީޒް "ބީޓީއެސް މޮނިއުމަންޓްސް: ބިޔޯންޑް ދަ ސްޓާ" އަންނަ މަހު 20 ގައި ރިލީޒްކުރަންވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.