ހަބަރު

އައިޖީއެމްއެޗްގެ 25 ބުރީ ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏަކަށް

އައިޖީއެމްއެޗުގައި ޑައިގްނޮސްޓިކް ސެންޓާއެއް ހިމެނޭ ގޮތަށް އަޅާ 25 ބުރީގެ އިމާރާތް އަޅަން ސިންގަޕޫރުގެ ޗުން ހުއާ ނަމަކަށް ކިޔާ ކުންފުންޏަކާ މިމަހު ހަވާލުކުރަން ނިންމައިފި އެވެ. އިމާރާތް އަޅަން ނިންމާފައިވަނީ ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ޕާކިން ލޮޓު ހިމެނޭ ބިމުގައެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ، ޑައިގްނޮސްޓިކް ސެންޓާއެއް ވެސް ހިމެނޭ ގޮތަށް ހޮސްޕިޓަލާއި ދެކުނަށް އޮތް ބިމުގައި ބޭރުމަގަށް ވާގޮތަށް އަޅާ 25 ބުރީގެ އިމާރާތުގެ ކޮންޓްރެކްޓާ މިމަހުގެ ފަހުކޮޅު ރަސްމީކޮށް ހަމަޖައްސާނެ ކަމަށެވެ. އެ އިމާރާތް އަޅަން ހަދަންޖެހޭ އެސެސްމަންޓް މަސައްކަތް ވެސް ދިވެހި ކުންފުންޏަކާ ގުޅިގެން މިހާރު ނިމިފައިވާތީ، ކޮންޓްރެކްޓް ތައްޔާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން 140 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅަން ނިންމާފައިވާ އެ އިމާރާތަކީ ހަމައެކަނި ޑައިގްނޮސްޓިކް ސެންޓާއެއް ނޫނެވެ. އެ އިމާރާތް އެޅުމުން އެޕޮއިންޓްމަންޓް ހެދުމާއި އެހެންވެސް އައުޓް ޕޭޝަންޓް މަސައްކަތްތައް ވެސް އެތަނަށް ބަދަލުކޮށް އިދާރީ ބައެއް މަސައްކަތް ވެސް އެ ބަޔަށް ގެންނަން ވަނީ ނިންމާފަ އެވެ. ޑައިގްނޮސްޓިކް ސެންޓަރުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ އިމާރާތުގެ ހަ ފްލޯ އެވެ.

ޝަހީރު ވިދާޅުވީ، މިހާރު ހުރި އިމާރާތާއި ގުޅިފައި ހުންނަ ގޮތަށް ޕާކިން ލޮޓް އޮތް ބިމުގައި އަޅާ އިމާރާތުގެ އެންމެ ބޮޑު އެއް މަގުސަދަކީ އައިޖީއެމްއެޗްގެ އެނދު ގިނަކުރުން ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓް ނިމޭއިރު 500 އެނދުގެ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވާނެ ކަމަށެވެ.

"ޕްރޮޖެކްޓްގެ މައިގަނޑު އެއް މަގްސަދަކީ އައިޖީއެމްއެޗުން ކޭޓާ ކުރާ ބަލި މީހުންނަށް ޖާގަ ހޯދުން. އެއްގޮތަށް ބުނާ ނަމަ އެނދު ގިނަ ކުރުން. މި އިމާރާތް އަޅައި ނިމޭއިރު އައިޖީއެމްއެޗްގެ އެނދުތަކުގެ އަދަދު 270 އިން 500 އަށް އިތުރުވާނެ،" ފަރުހަތު ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވީ، 25 ބުރީގެ އިމާރާތް ފަރުމާކޮށްފައިވަނީ މިހާރު އައިޖީއެމްއެޗް ހިންގާ އިމާރާތާއި ގުޅިފައި ހުންނަ ގޮތަށް ކަމަށެވެ. އެހެންކަމުން އެމަޖެންސީ ގޭޓާއި ވީ ފަޅީގައި އޮންނަ މަގު ބަންދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ހަމަ އެކަނި އެބިމުގައި އަޅާ 25 ބުރި އެކަންޏެއް ނޫން މި ޕްރޮޖެކްޓްގައި ހިމެނެނީ. އެ އިމާރާތުގެ މަސައްކަތްތަކާއެކު މިހާރު ހުރި އިމާރާތަށް ވެސް އަންނާނެ އިންފްރާސްޓްރަކްޗާ ބަދަލުތަކެއް، މިހާރު ހުރި އިމާރާތަށް ދިހަ ބުރީގެ އިމާރާތެއް އިތުރުވާނެ،" ޝަހީރު ވިދާޅުވި އެވެ.

އާ އިމާރާތް ޗުން ހުއާ ކުންފުންޏާ ހަވާލުކުރީ، ހުޅުވާލި ބީލަމެއްގެ ތެރެއަކުންނެއް ނޫނެވެ. އެއީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމި ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދައިގެން ހަމަޖެއްސި ފަރާތެކެވެ. އެ ކުންފުންޏަށް ފައިސާ ދައްކައި ހަލާސްކުރަންޖެހެނީ ތިން އަހަރުގެ މުއްދަތަކަށް ބަހާލައިގެންނެވެ.