ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މިދިޔަ ބުރާސްފަތި އައްޔަންކުރި ހަސަން މުޣުނީ އެ ބޯޑުން ވަކިކޮށް އަލުން ބޯޑު އެކުލަވާލައިފި އެވެ.
ނިމިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ސްޓޭޓް މިނިސްޓަރުގެ ފުރުއްވާފައިވާ މުޣުނީ، ޕްރައިވެޓައިޒޭޝަން ބޯޑުން ވަކިކޮށްފައިވާކަން ހާމަވީ ބޯޑު އަލުން އެކުލަވާލާފައިވާކަން ހާމަކޮށް ޕީސީބީ އިން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ޕީސީބީގެ ޕޯސްޓްގައި އެ ބޯޑުގައި ހިމެނޭ މެންބަރުންގެ ނަންތައް ހާމަކޮށްފައިވާއިރު މީގެތެރޭގައި މުޣުނީގެ ނަމެއް ނެތެވެ.
ޕީސީބީ އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށްވާއިރު އެ ބޯޑުން އާންމުކުރި ލިސްޓްގައި ހަތް ބޭފުޅުން ތިއްބެވި އެވެ.
މުޣުނީ، ޕީސީބީގެ ބޯޑަށް އައްޔަންކުރެއްވިކަން ރައީސް އޮފީހުން މިދިޔަ ހަފްތާގައި ހާމަކުރި އެވެ. ނަމަވެސް ބޯޑު އަލުން އެކުލަވާލިއިރު މުޣުނީގެ ނަން ނެތް ވަކި ސަބަބެއް ރައީސް އޮފީހުންވެސް ޕީސީބީއަކުންވެސް އަދި ހާމައެއް ނުކުރެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ދެއްވި ދެ ބޭފުޅަކުވެސް މީގެކުރިން ވަނީ މަގާމު ދެއްވިތާ ދެތިން ދުވަސް ތެރޭގައި ވަކިކުރައްވާފަ އެވެ.