ޣައްޒާއަށް ޔަހޫދީ ޖެޓުތަކުން އަނެއްކާވެސް ހަމަލާދޭން ފަށައިފި އެވެ.
ހަމަލާތައް އަލުން ފަށަން ޖެހުނު ސަބަބެއް ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ހަމާސްއިން ވައުދާ ހިލާފުވުން ކަމަށެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް މެދުކަނޑާލާފައި އޮތުމަށްފަހު -- އަދި ދެ ފަހަރަކަށް މުއްދަތު އިތުރުކުރުމަށްފަހު -- ނަތަންޔާހޫ ވިދާޅުވި ގޮތުން ހަމަލާތައް އަލުން ފަށަން ޖެހުނީ ހަމާސްއިން ޔަހޫދީ އާބާދިތަކަށް އަމާޒުކުށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ.
ޔަހޫދީ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އަސީރުން ބަދަލުކުރުމަށް ހަމާސްއާ އެކު ހެދި އެއްބަސްވުމަށްވެސް އެ ޖަމާއަތުން އިހުތިރާމެއް ނުކުރި އެވެ.
ހަމާސްއިން ދޫކުރާނެ ކަމަށް ލިސްޓްކޮށް ފޮނުވި ކަރުދާހާ އެއްގޮތަށް -- އެ ލިސްޓްގައި އޮތް މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގައި ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ތިން ކަމެއް ފުރިހަމަ ވަންދެން ޒަޔަނިސްޓުްންގެ ހަމަލާތައް ޣައްޒާއަށް އަމާޒުވާނެ އެވެ.
އެއީ ހަމާސް މުޅިން ނައްތާލުމާއި އެ މީހުން ހިފަހައްޓާފައި ތިބި ޔަހޫދީ ހުރިހާ އަސީރުން މިނިވަންކުރުން އަދި ޔަހޫދީ އަބާދީތަކަށް ޣައްޒާއިން ދުވަހަކު ވެސް ހަމަލާއެއް ނާންނާނެކަން ކަށަވަރު ކުރުމެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަސީރުން މިނިވަންކުރުމަށް 24 ނޮވެމްބަރުގައި ހަމަލާތައް ހުއްޓާލުމަށްފަހު -- ޣައްޒާއަށް ހަމަލާތައް އަލުން ފެށީ މިއަދެވެ.
ޣައްޒާއަށް ހަމަލާތައް ހުއްޓާލާފައި އޮތް އޮތުން އެ ގޮތުގައި ދެމެހެއްޓުމަށް އދ އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ގޮވާލާފައި އޮތް ނަމަވެސް -- ޔަހޫދީ ޖެޓުތަކުން ޣައްޒާއަށް ހަމަލާތައް އަލުން ފެށިކަން ހަމާސްއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ހަބަރުތައް ބުނާ ގޮތުން ޣައްޒާއަށް ޔަހޫދީން ކުރިން ދިން ހަމަލާތަކަށް ވުރެ މިހާރު ދެމުން ގެންދާ ހަމަލާތައް ވަކި މައިތިރިއެއް ނޫނެވެ. ހަމަލާތަކުގެ މިޒާޖަށް ބަލާއިރު އެއީ ޣައްޒާ މުޅިން ނައްތާލަން ދެމުން ގެންދާ ހަމަލާތަކެއް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ޒަޔަނިސްޓު ޔަހޫދީންގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހަމާސް އިން ވެސް ވަަރުގަދަ ހަމަލާތައް ދެމުން ގެންދާ ކަމަށް ޣައްޒާގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.