ޑރ. މުހައްމަދު މުއިއްޒު

ކޮޕް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ޔޫއޭއީގައި ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނެޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28)ގެ ވާލްޑް ލީޑާސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

މިސަމިޓުގައި ރައީސް މުއިއްޒުގެ އަރިހުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮޕް 28 ސަމިޓްގައި ރައީސް މުއިއްޒު މިއަދު ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. މިއީ ރައީސް މުއިއްޒު ބައިނަލްއަގްވާމީ ސަމިޓެއްގައި ތަގުރީރުކުރައްވާ ފުރަތަމަ ފަހަރެއްގައެވެ.

ކޮޕް 28 ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގްވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކެވެ.

ކޮޕް 28 އިއްޔެ އިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މިސަމިޓްގައި 70،000 ފަރާތަކުން ބައިވެރިވާއިރު މީގެތެރޭގައި ގއުމުތަކުގެ އިސްވެރިންނާއި އެކި ސިނާއަތްތަކުގެ ބައިނަލްއަގްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތަކާއި ތައުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމިއްޔާ ޖަމާއަތްތައް ހިމެނެ އެވެ.