ދުނިޔެ

ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް

ޣައްޒާއަށް ދެކޮޅަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތައް -- ހަތް ދުވަހަށް ފަހު އަލުން ފެށުމާ އެކު -- މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް އެހީ ހިފައިގެން ދަތުރުކުރި ލޮރީތައް މަސައްކަތް ހުއްޓާލައިފި އެވެ.

އޮކްޓޯބަރު ހަތެއްގައި ޒަޔޮނިސްޓުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް 50 ދުވަހަށް ފަހު، ނޮވެމްބަރު 24 ގައި އަލުން ފެށީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިމަށާއި އަސީރުން ބަދަލުކުރުމަށެވެ.

ނަމަވެސް، އެކެއް ޑިސެމްބަރުގައި ހަމަލާތައް ވަނީ އަލުން ފަށާފަ އެވެ.

ޔަހޫދީންގެ ހަމަލާތަކާ ހެދި އެހީ ހިފައިގެން ލޮރީތައް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް، އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނެ އެވެ.

ފަލަސްތީންގެ ރެޑް ކްރެސެންޓް ޖަމާއަތުން ވެސް ވަނީ ޣައްޒާއަށް ކުރާ ދަތުރުތައް ރައްކާތެރި ނޫން ކަމަށް ބުނެފަ އެވެ.

ޣައްޒާއަށް މިހާރު ވައްދާފައި ހުރި ކާބޯތަކެތިން ހިފަހައްޓައި ނުލެވޭނެ ކަމަށް އެހީ ފޯރުކޮށްދޭ އޮފިޝަލުން ބުނެ އެވެ. ޣައްޒާއަށް ބޭނުންވާ ވަރަށް ތެޔޮ ވެސް ނެތް ކަމަށް އޮފިޝަލުން ބުނެ އެވެ.

ޣައްޒާއަށް އަލުން ހަމަލާތެއް ފެށުމާ އެކު ފުރަތަމަ ދުވަހު ވެސް 109 މީހަކު މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

ރިޕޯތައް ބުނާ ގޮތުން ޣައްޒާއަށް ހަމަލާތައް މެދުކަނޑާލުމަށް ފަހު އަލުން ފަށައިގަތީ މީގެ ކުރިން ދިން ހަމަލާތަކަށް ވުރެ ވަރުގަދަކޮށެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތު އިތުރު ނުކުރި ސަބަބެއް ކަމަށް ޒަޔޮނިސްޓް ސަރުކާރުން ބުނީ އެއްބަސްވި ގޮތަށް ހަމާސްއަށް ކަންތައްތައް ނުކުރެވުން ކަމަށެވެ.

އެއްބަސްުންތަކާ ޚިލާފުވެ ހަމާސްއިން ޔަހޫދީ އާބާދީތަކަށް މިސައިލުން ހަމަލާދިން ކަމަށް ވެސް ޔަޔޫދީން ބުނެ އެވެ.

ނަމަވެސް، ޔަހޫދީންގެ މި ބުނުން ހަމާސްއިން ދޮގުކުރެ އެވެ.

ހަމާސްއިން ބުނީ ހަމަލާތައް އަލުން ފެށުމުގައި ހަމާސްގެ ދައުރެއް ނޯންނާނެ ކަމަށެވެ. ޔަހަޫދީންނަނީ އަބަދު ވެސް ދޮގު ހަދާ ބަޔަކަށް ވާތީ އެ މީހުން ދައްކާ ވާހަކާގައި ގަބޫލުކުރާނެ ވަރެއް ނުހުންނާނެ ކަމަސް ވެސް ހަމާސް އިން ބުންޏެވެ.