މެޗުގެ އެންމެ ފަހު މިނިޓްގައި ބަދަލު ކުޅުންތެރިޔާ ރިލްވާން ވަހީދު (ކަކާރިލޭ) ޖެހި ލަނޑުން ސިންގަޕޫރުގެ ބެލަސްޓިއާ އަތުން ބަލިނުވެ ނިއު ސަލާމަތްވެއްޖެ އެވެ.
ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރުވި މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 36 ވަނަ މިނިޓްގައި މުހައްމަދު ފަޒްލީ ބިން އަޔޯބެވެ. އޭނާ މި ލަނޑަށް ފަހު ނިއު އަށް އެއްވަރުކޮށްދިނީ މަހިބަދޫގެ މިޑްފީލްޑަރު އިއްޒަތު އަބުދުލްބާރީ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑަށް ފަހު ދެ ވަނަ ފަހަރަށް ބެލަސްޓިއާ ލީޑް ހޯދީ 69 ވަނަ މިނިޓްގައި މުހައްމަދު ފަދްލީ ބިން ނޫހެވެ. މި ލަނޑާއެކު ނިއު ބަލިވާން ދަނިކޮށް މެޗު އެއްވަރުވީ އިތުރުގެ ވަގުތުގެ ތިން މިނިޓްގެ ތެރެއިން ފަހު މިނިޓްގައި ކަކާރިލޭ ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިކައިރިން ގޯލް ތެރެއަށް ވެދެގެނެންވެ.
ވަރަށް ޒުވާން ޓީމަކާއެކު މެޗަށް ނުކުތް ނިއު އަށް މި މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ލިބުނެވެ. ފަހުހާފުގައި ހުސްކޮށް ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ބެލަސްޓިއާ އަށް ކުޅޭ ސިންގަޕުރުގެ ގައުމީ ކީޕަރު ޒައިފުލް ނިޒާމް ދިފާއު ކުރި އެވެ. އަދި އަބުދުﷲ ހަނީފް (ބެންޖޯ) ދެ ފަހަރެއްގެ މަތިން ގޯލަށް ޖެހި ބޯޅަތައް ވެސް ކީޕަރު ދިފާއު ކުރި އެވެ.
މެޗަށް ފަހު ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ މިއީ ކުޅުންތެރިންގެ މަސައްކަތް ކަމަށާއި ނަމަވެސް މުޅި މެޗާ މެދު އޭނާގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ޓީމުގައި ރަނގަޅު ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި ނިއު ރަނގަޅުވާނީ ގިނަ މެޗުތައް ކުޅުނު ވަރަކުން ކަމަށެވެ.
މި ދެ ޓީމު ހިމެނޭ ގްރޫޕް އީގައި ދެން ހިމެނެނީ ޕިލިޕީންސްގެ ކާޔާ އެފްސީ އާއި ހޮންކޮންގެ ކިޗީ އެވެ.