މާލެއާއި އައްޑޫގައި ހިންގި ގުރޫޕް މަރާމާރީތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ނިންމައިފި އެވެ.
އެންމެ ބޮޑު ދެ ސިޓީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައި މިވަނީ މާލެ އާއި އައްޑޫގައި ގުރޫޕް މަރާމާރީތަކެއް ހިންގާ ބައެއް މީހުން ޒަހަމްކޮށްލާފައި ވަނިކޮށެވެ.
އައްޑޫގައި ރޭ ހިންގި ގުރޫޕް މަރާމާރީގައި ޒަހަމްކޮށްލި ޒުވާނަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރުވެސް ދަނީ ފަރުވާދެމުންނެވެ.
ޒަހަމްކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އައްޑޫގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށްޓަކައި މާލެ އިން އިތުރު ފުލުހުން ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މާލޭގައި އިތުރު ފުލުހުން މަގުމައްޗަށް ނެރުމަށްވެސް ވަނީ ނިންމާފަ އެވެ.
އައްޑޫގައި ރޭ ޒަހަމްކޮށްލި ޒުވާނާއަށް ހަމަލާދިން މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފަ އެވެ.