ރާއްޖެ ކުޅިވަރު

ހޮކޭ ދުވަސްކޮޅަކަށް ކުޅުމާ ދުރަށް

ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)ގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ހޮކޭ އަށް އަނިޔާވީ އޭއެފްސީ ކަޕުގައި ސިންގަޕޫރުގެ ބެލަސްޓިއާ އަތުން ނިއު ފަހުވަގުތުގައި އިއްޔެ 2-2އިން އެއްވަރު ކުރި މެޗު ނިމެން ހަތް މިނިޓަށްވެފައިވަނިކޮށެވެ. އަށިގަނޑުގައި ދަނޑުން ބާލައި މެޗު ނިމުމުން އޭނާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ހޮކޭ އަކީ މިހާރު ނިއުގައި ހުރި އެންމެ ތަކުރިބާކާރު އަދި އެންމެ އިތުބާރު ކުޅުންތެރިޔާ އެވެ. އިއްޔެގެ މެޗަކީ ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ފައިގައި ޕްލާސްޓަރު އަޅާފައިވާތީވެ ހޮކޭ ނިއު އޭއެފްސީ ކަޕުގައި އަންނަ މަހުގެ ތިނެއްގައި ޕިލިޕީންސްގެ ކާޔާ އެފްސީއާ ދެކޮޅަށް ކުޅޭ މެޗާއި މާޗް 15ގައި ހޮންކޮންގެ ކިޗީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ.