ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީ އަލުން ރުކުވާލަން ރައީސް ސޯލިހު ކޮމިޓީތަކާ ބައްދަލުކުރައްވަނީ

ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރުކުވާލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕާޓީގެ ކޮމިޓީތަކާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ވަނީ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމިޓީގެ މެންބަރުންނާއި ޕާޓީގެ އިންތިޒާމްކުރުމާބެހޭ ކޮމިޓީގެ މެންބަރުންނާއި ޔޫތު ރިސޯސް ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީ އަލުން ރުކުވާލުމަށް ރައީސް ސޯލިހު ހޮނިހިރު ދުވަހު ވަނީ ޕާޓީގެ ކެމްޕެއިން ކޮމިޓީ، މީޑިއާ ކޮމިޓީ އަދި ފިޔަވަޅު އަޅާ ކޮމިޓީގެ މެންބަރުންނާވެސް ބައްދަލު ކުރައްވާފަ އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ ގޮތުން އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިދިޔަ މަހު ވަނީ އއ. އުކުޅަހުގައިވެސް ބާއްވާފަ އެވެ. މި ބައްދަލުވުމަށް މީޑިއާއަށް ފުރުސަތުދީފައިނުވެ އެވެ.

ރައީސް ސޯލިހު މި ބައްދަލުކުރެއްވުންތައް ބާއްވާފައި އެމްޑީޕީން ދަނީ ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވަމުންނެވެ.

އޭގެ ތެރޭގައި މާލޭގެ މޭޔަރު ހޮވުމަށް އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާވާއި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބު ހިމެނެ އެވެ.