ކްރިމިނަލް ކޯޓް

މެންބަރު އާޒިމް 3000ރ. އިން ޖޫރިމަނާ ކުރަން ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް 3000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އާޒިމަށް ޖޫރިމަނާގެ ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ދައުވާ ސާބިތުވުމުންނެވެ.

މިއަދު އާޒިމްގެ މައްޗަށް ހުކުމް އިއްވާފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ ވަނީ 22 ފެބުރުއަރީ 2015 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވާ ކަމަށާއި އެވަގުތު އެސަރަހައްދުގައި އާޒިމް ހަރަކާތްތެރިވަނިކޮށް، ފުލުހުން ތަކުރާރުކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން ވެސް އާޒިމު އެތަނުން ނުގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.

މި ދައުވާ އާޒިމްގެ މައްޗަށް ސާބިތުވެފައިވީ ނަމަވެސް އާޒިމްގެ ގޮނޑި ނުގެއްލޭނެ އެވެ. ގޮނޑި ގެއްލޭނީ މަދުވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްގެންނެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.

މިއަދު ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން އެދިލެއްވީ، ހަތަރު މަހާއި 26 ދުވަހަށް އާޒިމް ޖަލަށްލައި ދިނުމަށެވެ. އެއީ މި ކުށަށް އާގާނޫނުލްއުގޫބާތުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދެބެވެ. ދައުލަތުގެ ވަކީލުން ވަނީ އަދަބަށް ލުޔެއް ދެވޭނަމަ އެކަން ކޮށްދިނުމަށް ވެސް އެދިފަ އެވެ. އާޒިމްގެ ފަރާތުން ވެސް ވަނީ އަދަބު ލުއިކޮށް ދިނުމަށް އެދިފަ އެވެ.

މި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މި ކުށަށް އާގާނޫނުލްއުގޫބާތުން ދެވެން އޮތް އެންމެ ކުޑަ އަދަބު ދިނުމަށެވެ. އެއީ 3،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

ހުކުމް އިއްވުމާއެކު ޖަސްޓިން ބިލްޑިން ކުރިމަތީ ހުންނަވާ، އާޒިމް ވިދާޅުވީ، ހުކުމް ބަލައިނުގަންނަ ކަމަށާއި ހައިކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ، އޭނާއަށް ހުކުމް ކޮށްފައިވަނީ ނުކުރާ ކުށެއްގެ މައްޗަށް ކަމަށާއި އޭނާއަށް ލުއި ހުކުމެއް އިއްވީ ރާއްޖެއިން ބޭރަށް ރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާ ވެގެން އަންނަކަން ދެއްކުމުގެ ގޮތުން ކަމަށެވެ.