ހުސައިން ޝަމީމް

ޕީޖީ އޮފީހުގެ މައުލޫމާތު ސާފުކުރަން ނޫސްވެރިންނަށް ހާއްސަ ޕޯޓަލެއް

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުން ފަސޭހަކޮށްދިނުމަށްޓަކައި ކޮރަސްޕަންޑަންޓްސް އުފައްދައިފި އެވެ.

ޕީޖީ ހުސައިން ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ކޮރަސްޕަންޓްސް އަކީ ނޫސްވެރިން، ޕީޖީ އޮފީހުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމަށް އުފައްދާފައިވާ ޕޯޓަލްއެއް ކަމަށެވެ.

މިޕޯޓަލް އަކީ ޕީޖީ އޮފީހުން އާންމު ރައްޔިތުންނާ މުއާމަލާތު ކުރުމަށް އުފައްދާފައިވާ "ރައްޔިތުންގެ ޕޯޓަލް" ތެރެއިން އުފައްދާފައިވާ ޕޯޓަލް އެކެވެ.

ޕީޖީ ވިދާޅުވި ގޮތުގައި މި ޕޯޓަލް ބޭނުންކުރެވޭނީ ސަރުކާރުގެ އީފާސް އޮންނަ އަދި ރަޖިސްޓްރީވެފައިވާ ނޫސްވެރިންނަށެވެ.

ޕޯޓަލްގައި ރަޖިސްޓްރީވުމަށްޓަކައި އެ ނޫސްވެރިޔަކު މަސައްކަތް ކުރަމުންދާ އެޖެންސީއެއްގެ ރަސްމީ އީމެއިލް މެދުވެރިކޮށް ޕީޖީގެ އީމެއިލްއަށް [email protected] ނޫސްވެރިޔާގެ އައިޑީކާޑު ނަންބަރާއި ފުރިހަމަ ނަން ފޮނުމުން ރަޖިސްޓްރީ ކޮށްދެ އެވެ. ރަޖިސްޓްރީ ވުމަށްފަހު ޕޯޓަލްއަށް ވަނުމުން "ނޫސްވެރިޔާ ޓެބު" ފެންނާނެ އެވެ.

ޝަމީމް ވިދާޅުވީ ޕޯޓަލް އަށް ވަނުމަށްފަހު ނޫސްވެރިޔާ ބޭނުންވާ ސުވާލު ޓެބުގައި ލިޔުމުން ޖަވާބު ލިބޭނެ ކަމަށާއި މއީ ނޫސްވެރިން ކުރާ ބުރަ މަސައްކަތަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމެއް ކަމަށެވެ. މިޕޯޓަލްގެ ތެރޭގައި ކުރިން ކޮށްފައިވާ ސުވާލުތަކާއި އޭގެ ޖަވާބުވެސް ފަހުން ނޫސްވެރިޔާއަށް ބަލާލުމުގެ ފުރުސަތު އޮވެ އެވެ.

ޕީޖީ އިތުރަށް ވިދާޅުވީ މިއީ ޒަމާނަށް އާ އެކަމަކު ޒަމާނަށް ފެތޭނެ ޕޯޓަލްއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.