ރައީސް އަބްދުﷲ ޔާމީނަށް ދިން ހަމަލާ

"ފިނިފެންމާ" ގޮއްވާލި މައްސަލާގައި އަދީބާއި ސިފައިންގެ ދެ މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

Feb 24, 2016
2

ރައީސްއަށް އަމާޒުކޮށް ރިޔާސީ ލޯންޗް، ފިނިފެންމާގައި ބޮމެއް ގޮއްވާލި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެހެން ބައެއްގެ މައްޗަށް ދައުވާ ކުރަން އެ މައްސަލަ ފުލުހުން ޕީޗީއަށް ފޮނުވައިފި އެވެ. ފުލުހުން ވަނީ އެކަން އަވަސް އަށް ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ޕީޖީއަށް ވެއްދީ އިއްޔެ އެވެ. އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އާއި މައްސަލައިގައި ހައްޔަރު ކުރި ސިފައިންގެ މީހެއް ކަމަށްވާ، އިސްހާގު ހަސަން އާއި އަދީބުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރު ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށެވެ. ރިކާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު، މުހައްމަދު މުޖުތާޒުގެ ކޮއްކޮ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ސިފައިންގެ މީހެއް ކަމަށްވާ، ޖަވާޒު ވަނީ ތަހުގީގަށް ގިނަ މައުލޫމާތުތަކެއް ކިޔަދީފަ އެވެ. އެގޮތުން ފިނިފެންމާގައި ހަރުކުރި ބޮން ތައްޔާރުކުރީ އޭނާ ކަމަށާއި އެ ބޮން ހެދީ އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓްގައި ކަމަށް އޭނާ ވަނީ ތަހުގީގުގައި އެއްބަސްވެ، އިއުތިރާފް ބަޔާން ދީފަ އެވެ. ފުލުހުން އެ މައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ، ޖަވާޒުގެ އިތުރަށް އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓްގެ ކާޕެޓްގެ ބައެއް ސާމްޕަލްތަކާއި އެ ފްލެޓްގެ ސީސީޓީވީ ފްޓޭޖްތަކެވެ.

ޖަވާޒް ދީފައިވާ ބަޔާނުގައި، ހިބަޅިދޫ އިން ފެނުނު ހަތިޔާރުތަކާ އެކު ހޯދި އައިއީޑީގެ ބަޔާއި އެހެން ވެސް ބައެއް ތަކެއްޗަކީ ލޯންޗްގައި ހަރުކުރަން އޭނާ ތައްޔާރު ކުރި އެތި ހެދުމުގައި ބޭނުން ކުރި ތަކެތި ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.

ޕީޖީގެ ބަހެއް މިކަމާ ބެހޭ ގޮތުން ލިބޭ ގޮތެއް ނުވި އެވެ.