ދުނިޔެ

ޝަރުތަކާ ނުލައި ރަފާހް ބޯޑަރު ހުޅުވާލަން އީރާނުން ގޮވާލައިފި

ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ މެދުކެނޑުމެއް ނެތި ލިބޭނެ ގޮތް ހެދުމަށް -- އެއްވެސް ޝަރުތަކާ ނުލައި ރަފާހް ބޯޑަރު ހުޅުވާފައި ބެހެއްޓުމަށް -- އީރާންގެ ޚާރީޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން މިސްރަށް ގޮވާލައްވައިފި އެވެ.

އަމީރު އަބްދުއްލަހިޔާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރަފާހް ބޯޑަރު ހުޅުވާފައި ބެހެއްޓޭނެ ގޮތަކާ މެދު މިސްރުގެ އެންމެ މަތީ އިދާރާތަކުން ގޮތެއް ނިންމަވައި ދެއްވުމަށް ދަންނަވާ ކަމަށެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި، ބޯފެން، ބޭސްފަރުވާ އަދި ސިއްހީ އެހެނިހެން އެހީ ވެއްދެން އޮތީ ރަފާހް ބޯޑަރު ހުރަސްކޮށް ކަމަށް ވާތީ -- އެ ބޯޑަރު ހުޅުވާފައި ބެހެއްޓުމަކީ ވަަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޣައްޒާ މިއަދު އޮތީ ވަރަށް ބޮޑަށް އެހީއަށް ބޭނުންވެފައި ކަމަށާއި ޣައްޒާއަށް އަޅާލަން ތިބި ބަޔަކީ މުސްލިމުން ކަމަށް ވާތީ -- ޣައްޒާގެ ރައްޔިތުންނަށް އެހީ ލިބޭނެ ހުރިހާ ދޮރެއް ހުޅުވައިދޭން ޖެހޭ ކަމަށް ވެސް އަމީރު އަބްދުއްލަހިޔާން ވިދާޅުވި އެވެ.

ޣައްޒާއަށް ބޭނުންވާ އެހީ ވެއްދުމަށްޓަކައި ރަފާހް ބޯޑަރު ހުޅުވާފައި ބައްހަޓާނެ ކަމަށް މިސްރުން ވެސް އޮތީ ބުނެފަ އެވެ.

ނަމަވެސް، ކޮންޓްރޯލެއް ނެތް ގޮތުގައި ބޯޑަރު ހުޅުވާފައި ބެހެއްޓުމަކީ އޭގޭ ނާޖާއިޒު ފައިދާ ކަމާ ގުޅުން ނެތް ބަޔަކު ނަގާފާނެ ކަމެއް ކަމަށް ވެސް މިސްރުން ބުންޏެވެ.

މިސްރުން އެންމެ ބޮޑަށް ޖެހިލުން ވަނީ ޣައްޒާ ހަނގުރާމާގައި ބައިވެރިވުމަށް ސަރަހައްދުގެ ހަނގުރާމަވެރިން ޣައްޒާއަށް ވަދެފާނެތީ އެވެ.

މިސްރުން ބުނާ ގޮތުން މިފަދައިން ކަމެއް ހިނގައިފި ނަމަ މިސްރަކީ ޓެރަރިޒަމަށް ހިތްވަރުދޭ ބަޔަކަށް ހަދައި ހުޅަނގުގެ ވަކިތައް އެ ގައުމަށް އަމާޒުކޮށްފާނެ އެވެ.

އެމެރިކާއާ ހުޅަނގަކީ ހަމައެކަނި އެ މީހުންގެ ޝައުގުވެރިކަމަށް އެދޭ ބަޔަކަށް ވާތީ، މުސްލިމު ދުނިޔެއަށް ކަމެއް ކުރެވެން ނޯންނަނީ ކަމަށް ވެސް މިސްރުން ބުންޏެވެ.

އެހީގެ ލޮރީތަކަށް ރަފާހް ބޯޑަރު އަބަދުވެސް ހުޅުވާނެ ކަމަށާއި ޣައްޒާއަށް މެޑިކަލް އޮފިސަރުންނާއި އދ ގެ މެމްބަރުން ވެސް ވަންނަނީ ރަފާހް ބޯޑަރު ހުރަސްކޮށް ކަމަށް މިސްރުން ބުނެ އެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް ރަފާހް ބޯޑަރު ޣައްޒާއަށް ޓަކައި ހުޅުވާނެ ކަމަށް މިސްރުން ވަނީ ބުނެފަ އެވެ.