ދުނިޔެ

ރަޝިއާ-ސައޫދީ ގުޅުމަށް ބުރުލެއް ނާރާނެ: ޕޫޓިން

ރަޝިއާއާ ސައޫދީ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ގުޅުމަށް ބުރޫއަރާއި ތަރައްގީއަށް ހުރަސްއެޅޭ ވަރުގެ އެއްވެސް ކަމެއް ލޮލުކޮޅަށް ފެނިވަޑައި ނުގަންނަވާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާއާ ބައްދަލުކުރައްވައި ޕޫޓިން ވިދާޅުވީ ސައޫދީއަށް ވަޑައިގަތުމަށް އެ ގައުމުގެ ވެރިން ދެއްވި ދައުވަތާ މެދު ވަަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

ފާއިތުވެ ދިޔަ ހައެއްކަ އަހަރު ތެރޭގައި ރަޝިއާގެ އެކުވެރިންގެ ތެރެއިންވެސް ސައޫދީއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ ރަޝިއާގެ ޝައުގުވެރިކަމަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ދެ ގައުމު ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ސައޫދީއާ މެދު ހިތްޕުޅުގައި ވަރަށް ބޮޑު ތަނަަވަސްކަމެއް އޮތް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާގައި ހިނގާ ކަންކަން ސައޫދީއަށް އެނގެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މެދުއިރުމަތީގެ ހާލަތަކީ ވެސް ރަޝިއާއަށް މުހިންމު ކަމެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާގެ ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިހާރަށް ވުރެ ބޮޑަށް މައުލޫމާތު ބަދަލުކުރުމާއި ފިކުރީ މައުލޫމާތަށް ހުޅުވާލުން އެދެވިގެންވާ ކަމަށެވެ.

މުހައްމަދު ބިން ސަލްމާން ރަޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި ވަލީއަހުދަށް އޮތް ދައުވަތު ތާއަބަދަށް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހާލަތު ހުރި ގޮތުން ބިން ސަލްމާނަށް ދަތުރުކުރެއްވުން ތަކުލީފަކަށް ވާނެކަން ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މަސްރަހު ތަނަވަސްވިހާ އަހަވަށް ރަޝިއާއަށް ވަޑައިގަތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

މުހައްމަދު ބިން ސަލްމާން ވެސް ޕޫޓިންއަށް ތައުރީފުކުރައްވައި ހެޔޮ ބަސް ވިދާޅުވި އެވެ. އަދި ޕޫޓިން އަކީ ޝާހީ އާއިލާގެ އެކުވެރިއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސައުދީގެ ތަރައްގީގައި ރަޝިއާއަކީ އިތުބާރުކުރެވޭ ބައިވެރިއެއް ކަމަށާއި ޕޫޓިން އަކީ ދެ ގައުމު ހިފަހައްޓައިދޭ އެކުވެެރިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާއަށް ވަޑައިގަތުމަށް ޕޫޓިން ދެއްވި ތައުވަތު ގަބޫލުކުރައްވައި ބިން ސަލްމާން ވިދާޅުވީ ރަޝިއާ އަކީ ކޮންމެހެން ވެސް ވަޑައިގަންނަން ޖެހޭ ގައުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި ދެން އޮންނަ ބައްދަލުވުން އޮންނަން ވާނީ މޮސްކޯގައި ކަމަށެވެ.