ހުޅުމާލެ

ހުޅުމާލެއިން 60 ޓަނުގެ ކުނި ނަގައިފި

ހުޅުމާލެ ސާފުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 60 ޓަނުގެ ކުނި ނަގައިފި އެވެ.

އާބަންކޯ އިން ބުނީ އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން ކުންފުނީގެ މުވައްޒަފުން ހުޅުމާލެގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެެއް އާބަންކޯ އިން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

މިހަރަކާތުގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އަދި ހިޔާ ސަރަހައްދުން ހިމެނޭހެން ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށް އާބަންކޯ އިން މައުލޫމާތުދެ އެވެ.

އާބަންކޯ އިން ބުނީ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ކުންފުނިން ގިނަ މަސައްކަތްކަތެއް ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިންވެސް އެކި ފަހަރުމަތިން ކޮށްފައިވެ އެވެ. މިގޮތުން މަދިރި މަދުކުރުމަށް ދާދި ފަހުން ކުރިއަށް ގެންދިޔަ "ޑެންގީ އިޖާބަ" ކެމްޕޭންގައިވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، މަދިރި އާލާވުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

އާބަންކޯގެ އަމާޒަކި ހުޅުމާލެ އަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ. މި އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުންވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް އާބަންކޯ އިން އެދެ އެވެ.