އޭސީސީ

ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން އޭސީސީ އިން ކޯޓަށް

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިވިލް ކޯޓުގައި އެދިފައިވާކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ވަގުތީ އަމުރަކަށް އޭސީސީ އިން ކޯޓުގައި އެދިފައިވަނީ މިދިޔަ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ. ނަމަވެސް މިހާތަނަށްވެސް އަމުރު ނެރެދީފައެއް ނުވެ އެވެ.

އޭސީސީ އިން ފުލުހުންނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އޭރު ހިނގަމުންދާތީ އެ މަރުހަލާގައި ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލުމަށް އޭސީސީ އިން އެންގި ގޮތަށް ފުލުހުން އަމަލުނުކުރުމުންނެވެ.

އޭސީސީގެ އެންގުމާ އެއްގޮތަށް ފުލުހުން އަމަލުނުކުރީ އެނގިފައިވާ ގޮތުގައި އޭސީސީގެ އެންގުން ފުލުހުންގެ އިދާރާ އިން ޕީޖީ ހުސައިން ޝަމީމަށް ފޮނުވައި ޕީޖީ ދެއްވި ލަފައަކާ ގުޅިގެންނެވެ. އޭސީސީގެ އެންގުމުގައި "ގާނޫނީ އަސާސެއް" ނެތް ކަމަށް ފުލުހުންނަށް ޕީޖީ ލަފާ ދެއްވި ކަމަށްވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން މިއަހަރުގެ މިހާތަނަށް 1،500 އެއްހާ ފުލުހުންނަށް ތަފާތު އެކި ކަހަލަ ކުރިއެރުންތައް ދީފައިވެ އެވެ.

އޭސީސީ އިން ހުއްޓުވަން މަސައްކަތް ކުރީ ފިނޭންސުން ކުރިން ހުއްދަ ދީފައިވާ އެކަމަކު މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު ކުރިއެރުން ދިން ފުލުހުންގެ ޕްރޮމޯޝަނެވެ. އެފަހަރު 220 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފައިވެ އެވެ.

އޭސީސީ އިން ކޯޓަށް ހުށަހެޅި މައްސަލައިގައި ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް ކޮށްފައިވާ މަސައްކަތްތަކާއި ކަމާ ގުޅޭ ލިޔުންތަކާއި ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާ އުސޫލު ކޮމިޝަނަށް ހިއްސާކުރުމުގެ އަމުރަކަށްވެސް އެދިފައިވެ އެވެ. އޭސީސީގެ ދައުވާއަށް ދައުލަތުގެ ފަރާތުން ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައި އޮތީ އިއްޔެގެ ނިޔަލަށެވެ.