ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސްގެ އެހީއާއެކު އިމާދުއްދީން ސްކޫލްގައި ތެރަޕީ ރޫމެއް ހަދައިފި

މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރާ އިންވެސްޓްމަންޓްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ތެރަޕީ ރޫމެއް ގާއިމުކޮށްފި އެވެ.

މި ތެރަޕީ ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެކުދިންގެ ގާބިލްކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެންނެވެ.

މީގެ އިތުރުން ސެންސަރީ އެކްޓިވިޓީސް އާއި ކައުންސިލިން ވެސް މި ތެރަޕީ ރޫމުން ދިނުމަށް ހަމަޖެހިފައިވެ އެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން މި ތެރަޕީ ރޫމް ބޭނުންކުރަމުންދެ އެވެ.

ބޭންކުން އަބަދުވެސް އަންނަނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުންނެވެ.

ތައުލީމީ ދާއިރާ އަކީ ހާއްސަ ކަމެއްދޭ މުހިއްމު ދާއިރާއެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ފާއިތުވި ހަތަރު އަހަރު ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕެޝަލް އެޑިޔުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފަ އެވެ. ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓާ ލެބް ތަރައްގީ ކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.