އާރްޑީސީ

އަމީނީމަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށައިފި

މިދިޔަ ސަރުކާރުގައި ހަދަން ފެށި މާލޭގެ އަމީނީމަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އަމީނީމަގުގެ ނުނިމިވާ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތަށް އެ ސަރަހައްދު ރޭގައި ވަނީ ބަންދުކޮށްފަ އެވެ.

މަގުގެ މަސައްކަތްކުރާ ރޯޑް ޑީވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވި ގޮތުގައި އަމީނީމަގުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގެންދާ "ހަފުތާ 14" ގެ ތެރޭގައި ހިމެނިގެން ފެށި މަސައްކަތެއް ކަމަށެވެ.

އަމީނީމަގު ހަދަން މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

އަމީނީމަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް އަލުން މަގު ބައްތިތައް ވެސް ދަނީ ހަރުކުރަމުންނެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ.