މުހައްމަދު ސައީދު

އަސާސީ އެއްވެސް މުދަލެއް އެތެރެކުރަން ހުރަހެއް ނެތް: ސައީދު

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާއިން ވަގުތީ ގޮތުން ފިޔާ ބޭރުކުރުން މަނާކޮށްފައިވަނިކޮށެވެ.

ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.

"ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕޭން ދުވަސްވަރުން ފެށިގެން އޮފީހާއި ރަސްމީކޮށް ހަވާލުވުމަށްފަހުވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ގާއިމުކުރުން ކަމަށެވެ.

އެކަން ކާމިޔާބުކުރާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއިއެކު ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ވަނީ އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އެގައުމުން ފިޔާ އެކްސްޕޯޓްކުރުން މަނާކޮށްފަ އެވެ.