ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޑޮމެސްޓިކް ޓާމިނަލަށް ޓެކްސީ ކައިރި ކުރެވޭ ގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދަތުރުކުރާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދަތުރުކޮށް ޓެކްސީ މަޑުކުރެވޭ ގޮތް ހެދުމަށް ނިންމައިފި އެވެ.

ވީއައިއޭ ހިންގަމުންދާ ކުންފުނި -- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މާދަމާ އިން ފެށިގެން ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދެވޭނެ ކަމަށެވެ.

މިބަދަލު ގެނައީ އެއާޕޯޓް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ޓެކްސީގައި ވީއައިއޭއަށް ދަތުރުކުރާ މީހުން މިހާރު ޓެކްސީ މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލްގެ ކުރިމަތިން އެއްފަޅިއަކަށްވާ ގޮތަށް ޓެކްސީ ކިޔު އަށެވެ.

ފުރަން ދާ މީހުން ޓެކްސީގައި ޑޮމެސްޓިކް ޓާމިނަލަށް ގެންދެވޭ ގޮތަށް އިންތިޒާމު ހަމަޖެހުނު ނަމަވެސް އެހެން މަންޒިލްތަކުން ވީއައިއޭގެ ޑޮމެސްޓިކަށް ކުރާ ދަތުރަށްފަހު ޓެކްސީ ނަގަން އަދިވެސް ދާންޖެހޭނީ ޓެކްސީ ކިޔު އަށެވެ.