ވާހަކަ

މިލްކުވާނެބާ

އިންޒާރަކާއި ނުލާ އައި އެތައްހާސް ވާރޭގެ ތިކިތަކުގެ ހަމަލާ އަމާޒުވެގެން އައީ އެއްބިތަށް ފްރޭމް ކުރެވިފައިވާ ބިއްލޫރި ކުޑަދޮރަށެވެ. ކުދިކުދި ހިލަކޮޅު ތަކަކުން ބިއްލޫރިގަނޑުގައި ތަޅަންފެށި ކަހަލައެވެ. މޭޒުމަތީ ހުޅުވާފައިވާ މެކްބުކްއަށް ގެއްލިފައި އިން ހަތާވީސް އަހަރުގެ އިޒީކިއަލްގެ ސަމާލުކަން އެ ވާރޭ އަތުލައިފިއެވެ. އޭނާގެ ނަޒަރު އިސްކުރީނުން ނެއްޓި ވައަތް ފަރާތަށް މަޑުމަޑުން ދަތުރުކޮށްލިއެވެ. ދެ ފަރާތަށް ވާހެން ފަރުދާތައް ކަހާލެވިފައި ހުރި ބިއްލޫރި ބިތާ ދިމާއަށެވެ. އެއާއެކު އިށީނދެ އިން އެކްސެކެޓިވް ބޮޑު ގޮނޑި ފައިގެ ބާރުގައި ފަހަތަށް ޖައްސާ ވެސް ލައިފިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެ ޚިޔާލަކަށް ގެއްލެމުންދިޔަ މީހަކު ފަދައިން ގޮނޑީގެ ދެ އަތްގަނޑުގައި ހިފާލުމާއެކު ކޮޅަށް ތެދުވިއެވެ. ހަ ފޫޓުގެ ދިގު އިސްކޮޅެކެވެ. ފުޅާ ދެކޮނޑާއެކު ތެދު ހަށިގަނޑެކެވެ. "އެލް" ބައްޓަމަށް ހުރި މޭޒު ކައިރިން ނުކުމެ ލަސް ހިނގުމެއްގައި އޭނާ އައިސް ބިއްލޫރި ބިތުގެ މެދާ ހިސާބުގައި މަޑުކޮށްލައިފިއެވެ.

ގުދުގުދު ލައްވަމުން އެކިވަރުގައި ތިރިއަށް އޮހެމުންދިޔަ ވާރޭގެ ތިކިތަކުން ބިއްލޫރިގަނޑުގައި ރީތި މޮޅު ކުރެހުމެއް ކުރަހަމުންދާ ފަދައެވެ. އިޒީކިއަލްގެ ނަޒަރު ހުރީ އެ ބިއްލޫރިގަނޑުން ބޭރަށް ހުއްޓާލެވިފައެވެ. ކުރިމަތިން، މަގުގެ އަނެއްފަރާތުން ފެންނަ ގަސްތަކުގެ ފަހަތުން ހުޅުމާލޭގެ ޖެޓީ ސަރަޙައްދާއި ކަނޑު ފެންނަނީ ފުސް މަންޒަރެއް ހެންނެވެ.

"ޓޭން" ވެ ހިސާބަކަށް ނާރު ފުއްޕާލާފައިވާ ފިރިހެންވަންތަ ވަރުގަދަ މުލައްދަނޑި ފެންނަ ވަރަށް އަތްކުރި އޮޅާލާފައިވާ "ސްލިމް ފިޓް" ހުދު ގަމީހާއި ކަޅުނޫކުލައިގެ ފަޓުލޫނެއްގައި އިޒީކިއަލް ހުރިއިރު އޮފީހުގެ ރަސްމީގަޑި އޭނާއަށް ނުނިމޭ ފަދައެވެ. އަދިވެސް އޭނާގެ ފުށުން ފާޅުވަނި އެފަދަ ރަސްމީ ސިފައެކެވެ. ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ހުރުމަށްފަހު ވައަތް ހިއްލާލައި އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ރޭގަނޑު އެގާރަގަޑި ސާޅީސް ހިނގައިފިއެވެ. އޭނާގެ ތަނަވަސް ނިތްކުރިއަށް ރޫޖެހިލިއެވެ. ދެބުމަ ކައިރިވެލި ހިނދު އޭނާއަށް ލިބިފައިވާ ދިގު ނޭފަތާ ނިތްކުރި ގުޅިފައިވާ ހިސާބުގައި ވައަތުގެ އިނގިލިތަކުގެ ކޮޅުން ހިފަހައްޓާލައި އޮބާލައިފިއެވެ. ދެ ލޯ މަރާލައިގެން އެ ގޮތުގައި ދެތިން މިނެޓު ހުރުމަށްފަހު އަތް ތިރިކޮށްލައި އަލުން ލޯ ހުޅުވާލައިފިއެވެ. ވައަތުން އޭނާގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑުގައި މައްޗަށް ވާހެން އަތްފުނާ އަޅާލައި ކަނދުރާގައި އަތްތިލަ އަޅުވާލި އެވެ. އެއާއެކު އެ އިސްތަށިގަނޑުގެ ތަރުތީބު ގެއްލި އެއްފަރާތުން ނިތްމައްޗަށް އިސްތަށިގަނޑުން ބައެއް ވެއްޓުނެވެ. އަލުން އިސްތަށިގަނޑު އޮމާންކޮށްލަމުން އޭނާ ހިނގައިގަތީ އެއްފަރާތުގައި ހުރި ތިން މީހުންގެ ޖާގައިގެ ފޮތި ސޯފާއާ ދިމާއަށެވެ.

ޕެންޓްހައުސްގެ ތިން ކޮޓަރިން އެއް ކޮޓަރިއަކީ މަސައްކަތަށް ޚާއްޞަ ކުރެވިއިވާ ތަނެވެ. އޮފީހެއްގެ ވެރިޔެއްގެ ކެބިންއަށް ވުރެ ވެސް އެތަން ފުރިހަމަ އެވެ. ލޮލަށް ފަސޭހަ ދެ ކުލައެއް ފާރުތަކުން ފެންނައިރު ތަނުގެ ތެރޭގައިވަނީ ޒަމާނީ އަގުބޮޑެތި ފަރުނީޗަރެވެ. ކުޅަދާނަ ފަރުމާކުރުން ތެރިއެއްގެ މޮޅު ޚިޔާލާއި ވިސްނުން އެއް ކޮޓަރިއެއްގެ ތެރެއިން ހުރީ ފެންނާށެވެ. ދޮރާ ކުރިމަތިވާނެހެން ހުރި ބިއްލޫރި ބިތަކީ ސިކުނޑިއަށް ލިބޭ ފިއްތުންތަން ކަނޑުވައިދީ ތަފާތު ހިތްހަމަޖެހުމެއް ގެނެސްދޭ އެއްތަނެވެ. ގުދުރަތުގެ ރީތި ތަސްވީރެއް އެ ބިއްލޫރިގަނޑުން އަބަދުމެ ފެންނަން ހުންނާތީ އެވެ. ދުވާލާއި ރޭގަނޑަށް ބަދަލުވުމުގެ އިތުރުން މޫސުމާ އެއްގޮތަށް ބަދަލުވާ ތަސްވީރެއް ފަދަ އެވެ.

ސޯފާގައި ބުރަކަށި ޖައްސާލުމާއެކު އިޒީކިއަލް ފޯނު ނެގިއެވެ. "ގެލެރީ"ގައި ހުރި ފޮޓޯތަކުން ފޮޓޯއެއް ހުޅުވާލައިގެން އެ ތަސްވީރަށް ބަލަން އޭނާ އިނީ ނިކަން ފުން ވިސްނުމެއްގައިވާ މީހަކު ފަދައިންނެވެ. އެ ތަސްވީރަށް ބެލިވަރަކަށް ދެ ލޮލުން ނުތަނަވަސްކަމާއި ހިތްދަތިކަމެއް ފާޅުވަމުން އައެވެ. ތަސްވީރުގައި ދެ ޒުވާނުންވީއިރު އެކަކީ ޚުދު އިޒީކިއަލްއެވެ. އޭނާގެ އަތުގެ ތެރޭގައި ފެންނަން ހުރީ މައުސޫމް މޫނެއްގެ ވެރި ޖިންސުއްލަޠީފެކެވެ. ދިވެހީންގެ ތެރެއިން ފެންނަ ފަދަ ގަދަ ޗޮކުލެޓުކުލައިގެ ދެ ކަޅި ލިބިފައިވާ ބޮޑު ދެ ލޮލެވެ. ރާޅުބާނި ދިގު އިސްތަށިގަނޑު ކަޅު ރޭގަނޑެއް ފަދައެވެ. އަދި އެ ދޮން މޫނު ކަޅު ރޭގަނޑެއްގެ އަނދިރިކަމުގެ ތެރެއިން ފާޅުވާން ހުރި ހަނދެއް ފަދަ އެވެ.

ތަސްވީރުން ފެންނަން ހުރި އަންހެންކުއްޖާގެ މޫނުގައި އިޒީކިއަލްގެ ކަނާއަތުގެ ބޮޑުވައި އިނގިލިން ފިރުމާލި އެވެ. އޭނާގެ ތުންފަތް ތެޅިލި އެވެ. ނަމަވެސް އޭނާގެ އަޑު ފާޅުވާވަރެއް ނުވެއެވެ. އެބުނެލި އެއްޗެއް އަމިއްލަ ހިތަށް އިވޭ ވަރަށް ބުނެލީ ފަދަ އެވެ.

ދޮރުގައި ޓަކި ޖަހާލި އަޑާއެކު ވަގުތުން އިޒީކިއަލް ފޯނުގެ އިސްކުރީނު ނިވާލިއެވެ. އޭނާގެ މޫނުމަތީގައިވީ އަސަރުތައް ފޮރުވާލީ ނުހަނު ފަސޭހަކަމާއެކީއެވެ. އަދި އޭނާ ދޮރާ ދިމާއަށް ބަލާލުމާއެކު ވަންނާށޭ ބުނެލިއެވެ. އެއާއެކު ދޮރު ހުޅުވާލައި އެތެރެއަށް ދެތިން ފިޔަވަޅު އެޅިތަން ފެނުނީ އުމުރުން ދުވަސްވި ވައްތަރު ޖަހާ ހަރު ފިރިހެނެކެވެ. އޭނާ އިޒީކީއަލްއާ ކުރިމަތިލީ އަދަބުވެރިކަމާއެކީ އެވެ.

"ޝިމާޒު އައިސް އެބަހުރި." ހިލްމީ ބުންޏެވެ.

"ކިހިނެއް އޭނާ ހުރީ." ސޯފާއިން ތެދުވަމުން އިޒީކިއަލް އަހާލިއެވެ.

"ފައިލް ހިފައިގެން އައިސް ހުރީ." އިޒީކިއަލް ބުނި އެއްޗެއް ދޭހަވީ ފަދައިން ހިލްމީ ބުންޏެވެ.

"މި ދަނީ." އިޒީކިއަލް ބުނެލިއެވެ.

ބޯ ޖަހާލުމާއެކު ހިލްމީ އެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. އިޒީކިއަލްއާއެކު އެ ޕެންޓްހައުސްގައި ދިރިއުޅޭ ހަމައެކަނި މީހަކީ ހިލްމީ އެވެ. ސާޅީސް އަށް އަހަރުގެ ހިލްމީއަކީ އިޒީކިއަލްގެ އެންމެ ޚާއްޞަ ޚާދިމެވެ. އަމިއްލައަށް ދިރިއުޅޭން ފެށި ހިސާބުން އިޒީކިއަލްގެ ދިރިއުޅުން ހުންނަ ގޮތް އެނގޭނެ މީހަކީ ހިލްމީ އެވެ. އިޒީކިއަލްގެ ގާތުގައި އޭނާ މަސައްކަތް ކުރާތާ ފަސް އަހަރު ވެއްޖެއެވެ. އަދަބުވެރިވެފައި ކިޔަމަންތެރި އެވެ. އަދި އިޒީކިއަލްއަށް ވަފާތެރި މީހެކެވެ.

"ފެނިއްޖެ." އިޒީކިއަލް އަންނަތަން ފެނުމާއެކު ސިޓިންރޫމު ސޯފާގައި އިނދެފައި ތެދުވި ގޮތަށް ޝިމާޒު ބުނެލިއެވެ.

ޝިމާޒާގެ ވައަތް ފަރާތުން އެކަކަށް އިށީނދެވެން ހުރި ގޮނޑީގައި އިޒީކިއަލް އިށީނެވެ. އަދި އަތުން ޝިމާޒަށް ވެސް އިށީންނަން އިޝާރާތްކޮށްލި އެވެ. އެއްފައިމައްޗަށް އަނެއްފައި އަޅުވާލައިގެން އިޒީކިއަލް މަޑުކޮށްލިއެވެ. ޝިމާޒުގެ ހަރަކާތްތަކުގައިވީ އަވަސްއަރުވާލުމެވެ. އޭނާގެ ފައިކައިރީ ބަހައްޓާފައި ހުރި ދަބަސް ނެގިއެވެ. އެ ދަބަހުގެ ތެރެއިން ނެގީ ދެ ފޮޓޯގަނޑެވެ. އަދި އެ ދެ ފޮޓޯ އޭނާގެ ކައިރީ ސޯފާމަތީ އޮތް ކަރުދާސް ފައިލުގެ ތެރެއަށް ލާފައި އިޒީކިއަލްއަށް ދިއްކޮށްލި އެވެ.

"ތީ އޭނަ. ހުރިހާ މަޢުލޫމާތެއް ފައިލްގައި ހުންނާނެ. ތެދު މަޢުލޫމާތު. އަހަރެން ޗެކުކޮށް ޔަގީން ކުރީން." އިޒީކިއަލް ފައިލު ބަލަން ފެށުމުން ޝިމާޒު ވާހަކަދެއްކިއެވެ.

"ހިލްމީ." އިޒީކިއަލް ގޮވާލީ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ހިލްމީއަށެވެ. އެއާއެކު އޭނާއަށް އިޒީކިއަލް ބޭނުންވާ ގޮތް އެނގިއްޖެއެވެ. ހިލްމީ އެތެރެއަށް ގޮސް އެނބުރި އައީ ބޮޑު ސިޓީ އުރައެއް ހިފައިގެންނެވެ. އެ ގެނެސް އިޒީކިއަލްގެ އަތަށް ދިނެވެ.

"ގުނަން ބޭނުންތަ؟." ސިޓީ އުރަ ޝިމާޒަށް ދިއްކޮށްލަމުން އިޒީކިއަލް އަހާލި އެވެ.

"ތީ އިތުބާރުކުރެވޭ މީހެއް." ހިތްހަމަޖެހުން އެކުލެވިފައިވި ހިނިތުންވުމަކާއެކު ޝިމާޒު ބުންޏެވެ. އަދި އިޒީކިއަލް ދިން ސިޓީ އުރަ ނިކަން އަވަހަށް އޭނާގެ ދަބަސް ތެރެއަށް ލައިފައި ދާން ތެދުވި އެވެ.

* * * * *

ދެކުނުން އިރަށް އޮތް ވަންވޭ މަގަށް ވަން ކާރު މަޑުކޮށްލީ މަގުގެ މެދެއްހާ ހިސާބުގައި ހުރި ގަލޮޅު ވާދީ ހިޔާގޭ ކުރިމައްޗަށެވެ. ކާރުގެ ފަހަތު ސީޓުން ދެ އަންހެން ކުދީން ފޭބިއިރު ކުރީ ދޮރުފަތް ހުޅުވާލައި ފޭބީ ޒުވާން ފިރިހެނެކެވެ. ކޮންމެ އަންހެން ކުއްޖެއްގެ އަތުގައި ކޮތަޅުތައް އޮތެވެ. ބާޒާރުކޮށްގެން އައި ކަހަލަ އެވެ.

"އަދިވެސް އެއްފަހަރު ތޭންކްސް އިނގޭ. ހަތޫ އައީތީ ޓައިމް ސޭވް ވީ. އެހެންނޫނަމަ މިއަދު ހަތަރުދަން ދާނީ މިކަމެއްގައި. ލުހާމްއަށް ދައްކާ ކޮންމެ އެއްޗެއް ރީތިވާނެ. އެ ހެޔޮ އަހަރެންނާ ނުގުޅޭ ކުލަޔަކަށް ވިޔަސް." މިޔާ ބުންޏެވެ.

"މެންޝަން ނޮޓް. އަހަރެން އަބަދުވެސް ހުންނާނީ ރެޑީގައި. މިޔާއާ އެއްކޮށް ދެވުނީތީ އަހަރެންނަށް ވެސް ފައިދާ ކޮށްފި." ރަކި ހީނލުމަކާއެކު ހަތޫން ދައްކާލީ އަތުގައި އޮތް ކޮތަޅުތަކެވެ. އެއީ މިޔާގެ ފަރާތުން ލިބުނު ހަދިޔާ އެވެ.

ހަތޫންއަކީ މިފަހަކަށް އައިސް މިޔާއަށް އެންމެ ގިނައިން އެކުގައި ވަގުތު ހޭދަކުރެވޭ އެކުވެރިޔާ އެވެ. ސަބަބަކަށްވީ ދެ މީހުން ވެސް ކޮލެޖުގައި އެއް ކުލާހެއްގައި ކިޔަވަމުން ދިއުމެވެ. ލުހާމްއާ ވެސް މިޔާ ދިމާވީ ކޮލެޖުންނެވެ. އެކަކުއަނެކަކަށް ފެނުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭ އެކާވީސް އަހަރުގެ މިޔާގެ ހިތް ލުހާމް ހޯދީ ކުޅަދާނަކަމާއެކު އެވެ. ދެ ޒުވާނުން ލޯބިން ގުޅިގެން އުޅޭތާ އަހަރު ވާން ކައިރިވަނީ އެވެ. މިޔާގެ ޢާއިލާއަށް ވެސް މިހާރު އެ ގުޅުން އެނގިއްޖެއެވެ.

ދޮރުމަތީ އެންމެން ތިއްބާ ދަގަނޑު ދޮރޯށި ހުޅުވާލައި ގޭތެރެއިން ނުކުތީ މިޔާގެ ދެބެންގެދެދަރި ދައްތަ އަޖުލާ އެވެ. އޭނާ ބޭރަށް ބޯދިއްކޮށްލި ގޮތުން ވެސް އެ ހޯދަނީ މިޔާކަން އެމީހުންނަށް އެނގުނެވެ.

"އަދިވެސް ތިބީތަ؟. ތި މީހުން ނައިސްގެން ކާން ނުފެށިފައި މަންމަ އެބަހުރި. އެވެސް ތި މީހުންނަށް ޚާއްޞަ އެއްޗެހި ހަދައިގެން." އަޖުލާގެ އަޑުގައިވީ ރުންކުރުކަމެވެ.

"ހަތޫ. އަހަރެމެން ގެއަށް ވަންނަނީ." މިޔާ ހިނގައިގަންނަމުން ގާތް އެކުވެރިޔާގެ ގައިގާ ބައްދާލިއެވެ.

"ސީ ޔޫ." އަތް ހޫރާލާފައި ހަތޫން ހިނގައިގަތީ އެވެ.

ބޮޑުކޮޓަރީގެ ސޯފާތަކުން ސޯފާއެއްގެ މައްޗަށް ކޮތަޅުތައް ދޫކޮށްލާފައި ލުހާމް ގޮވައިގެން މިޔާ އައިސް ވަނީ ބަދިގެއަށެވެ. ބޮޑުދައިތަ ޖާހިދާ ކާމޭޒު ކައިރީ ހުރެ ގޭގައި ގެންގުޅޭ ބިދޭސީ އަންހެން މީހާއަށް ކޮންމެވެސް ކަމަކާ ގުޅޭ ގޮތުން އިރުޝާދު ދެމުން ދިޔައެވެ. ނަމަވެސް މިޔާއާއި ލުހާމް ފެނުމާއެކު އޭނާގެ ވާހަކަ ކުރުކޮށްލާފައި އެމީހުންނަށް ސަމާލުކަން ދިނެވެ. ނިކަން ފުޅާ ހިނިތުންވުމަކާއެކު ފުރަތަމަ ވެސް ލުހާމްއަށް މަރުޙަބާ ކިޔެވެ.

"ކޮޅަށް ނުތިބެ އަވަހަށް އިށީނދޭ." ޖާހިދާ ބުނެލިއެވެ. އަދި އެތަނަށް އެވަގުތު ވަން އަޖުލާ ކައިރީ ވެސް މިޔާމެންނާއެކު ކާން އިށީންނަން ބުންޏެވެ.

"ބައްޕަ ކޮބާ؟. ބިޒީވީތަ؟." ކާމޭޒު ދޮށުން މަޒީދު ނުފެނުމުން މިޔާ މާޔޫސްވިއެވެ. މެންދުރުގެ ކެއުމުގައި ބައިވެރިވާން ލުހާމް ގެންނަކަން މަޒީދު ގާތު މިޔާ ބުންޏެވެ. ބޭނުމަކަށްވީ ބައްޕައާއި ލުހާމްއާ ދެމެދު އެކުވެރިކަމެއް އުފެއްދުމެވެ. ލުހާމްއާއި މިޔާ ރައްޓެހިވީ ފަހުން ބައްޕައަށް ލުހާމް ފެނިފައި ހުރީ އެންމެ ފަހަރަކުވީމަ އެވެ.

"ދޮންތައާ ބައްދަލުކޮށްދިނުމަކީ ހަމަ ބައްޕައާ ބައްދަލުންވުން ފަދައެއް ނޫންތަ." ހިނިތުންވެލައިގެން އިނދެ ޖާހިދާ ބުންޏެވެ.

"އެނގޭ ދޮންތަ އެޕްރޫވްކޮށްފި ކޮންމެ ކަމެއް ބައްޕަ ޤަބޫލުކުރާނެކަން. އަސްލު ވަރަށް އުންމީދުކޮށްގެން ހުރީ ލަންޗަށް ބައްޕަ ޖޮއިންވާނެ ކަމަށް... އެހެންވެ." މިޔާ ބުންޏެވެ.

"ބައްޕަ ކެންސަލް އެ ކުރީ ވަރަށް މުހިންމުކަމެއް ޖެހުނީމަ. ދޮންތައަށް ގުޅާފައި ބުނި އާދެވޭތޯ ބަލާނަމޭ އެކަމަކު ޔަގީންކަމެއް ނުދެވޭނެއޭ. ދެން އެކަމާ ދެރަނުވެ ކާން ފަށާ. ލުހާމް... ލަދުން ނީނދެ ފަށާބަލަ." ޖާހިދާ މިހެންބުނެ ބައެއް ތަށިތައް ކައިރިކޮށްލަ ދިނެވެ. މަންމަގެ ކޮންމެ ހަރަކާތަކަށް ބަލަން އަޖުލާ ބަހެއް ނުކިޔާ އިނެވެ.

ރޭގަނޑުގެ ވަގުތެވެ. ނިދިފައި އޮތް މިޔާއަށް ހޭލެވުނީ ފާޚާނާއަށް ދާން ޖެހިގެންނެވެ. ގައިމަތިން ރަޖާ އެއްފަރާތްކޮށްލައި މަޑުތަންމަތިން އޭނާ ފޭބިއެވެ. ކަފަކޮޅެއްހައި މަޑު ފައިވާން އިނީ ފައިތިރިކޮށްލި އިރު ފަޔާ ދިމާގައެވެ. ދެ ފައިތިލަ ފައިވާނަށް ކޮށްޕާލައިގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ކުއްލިއަކަށް މިޔާ ހުއްޓުނެވެ. އޭނާގެ ލޮލުގައި ކަމެއް އަޅައިގަތްހެން ހީވެގެންނެވެ. ލޮލުން ނިދިފިލައި ދިޔަހެން ދެ ލޯ ބޮޑުކޮށްލައިގެން ހުރެ އޭނާ އެނބުރިލީ ރީތިވާ މޭޒާ ދިމާއަށެވެ. ހުދުކުލައިގެ ފޮޅިފައިވާ ބޮޑު ފިނިފެންމަލެއް މޭޒުމަތީ އޮތެވެ. އެ މައު ފެނުމާއެކު މިޔާގެ ތުންފަތް ދެމިލައިފި އެވެ. އޭނާ ނިދިއިރު އެ މަލެއް އެތާކު ނެތެވެ. ކޮޓަރިއަށް ވަނީ ކާކުކަން މިޔާއަށް ޔަގީންވެއެވެ. އެއީ ކާކުކަން މިޔާއަށް ބުނެދިނީ އެ މަލެވެ.

"އޯ ނޯ... ލެވެނީ..." ކުއްލިއަކަށް އެނދުން ތެދުވި ކަންތައް މިޔާއަށް ހަނދާންކޮށްދިނުމުގެ ސިގްނަލް ދޭން ފެށީއެވެ. ހަލުވިކޮށް ގޮސް އޭނާ ފުރަތަމަ ފާޚާނާއަށް ވަނީ އެވެ.

"ކިހާއިރެއް ވެގެން އެ އުޅެނީ." ފާޚާނާކޮށްގެން ނުކުތް މިޔާ އަމިއްލަ ނަފްސާ ވާހަކަ ދެއްކި އެވެ. އަދި އައިސް އެނދުއަރި މަތީ ހުރި ކަބަޑުގެ މަތިން ފޯނު ނަގައި ބަލާލިއެވެ.

"އޯ ނޯ. މިހާރު އޮންނާނީ ނިދާފައި." ދަންވަރު ދޭއްޖައި ހިނގައްޖެކަން އެނގުމާއެކު މިޔާއަށް ބުނެލެވުނެވެ. އޭނާ ފޯނު އިހު އޮތް ގޮތަށް ބާއްވާފައި އައިސް ރީތިވާ މޭޒުމަތިން ފިނިފެންމާ ނެގިއެވެ. އެ މަލުގެ ތާޒާކަން ނުކެނޑެނީސް އަވަހަށް ލިޔާ މޭޒުމަތީ ހުރި ފުޅިއަށް އެ މައު ގެނެސް ޖަހާލި އެވެ.

"އެންމެ މަންތެއް ވެސް ނުދޭ ބައްޕަ ސޮރީ ބުނަން ނުޖެހޭ." މަލަށް ބަލަން ހުރެ މިޔާ ބުނެލިއެވެ.

ދަރިފުޅަށް ވަޢުދެއް ވެފައި އެކަން ނުފުއްދިއްޖެނަމަ މަޒީދު މަޢާފަށް އެދެނީ ހުދު ފިނިފެންމަލަކުންނެވެ. އެއީ އޭނާގެ ލޯބިވާ އަނބިމީހާ ޔަމްޝާއަށް ޓަކައި ފެށުނު އާދައެކެވެ. ނަމަވެސް މިއަދު ޔަމްޝާއެއް ނެތެވެ. މިޔާގެ އުމުރުން އެންމެ ހަ އަހަރުގައި އެ ދެބަފައިންނާ ޔަމްޝާ އަލްވަދާޢުކީ ޖެހުނު ދެވަނަ ހާޓް އެޓޭކުންނެވެ. ޔަމްޝާއަށް ފަހު މަޒީދުގެ ދުނިޔެއަށް މިޔާ ވަނީ ވެފަ އެވެ. އަންހެން ދަރިފުޅުގެ އުފަލަށް ޓަކައި އޭނާ ނުކޮށްދޭ ކަމެއް ނެތެވެ.

* * * * *

ފަޅި ސުކުންތެއްގެ ތެރޭ ދުނިޔެމަތީ ދިރިއުޅުން ބަދަލުވެދާނެ ކަމަށް އެކަކު ވެސް ހިތަކަށް ނާރާނެ އެވެ. ގިނަފަހަރަށް އެފަދަ ތޫފާންތަށް އަންނަނީ އެނގުމަކާ ނުލަ އެވެ. ނަގާ ރާޅު ބިޔަވެ ސުނާމީއަކަށް ވެ ދިރިއުޅުން ދޮވެލާފައި ދަނީ އިންސާނާ އިމްތިހާނު ކުރުވަމުންނެވެ. އެކަމަށް ތައްޔާރުވާނޭ ފުރުޞަތެއް ނުދީ އެވެ. ބޮޑު ސިހުމެއްގައި މީހާ ބަނދެލާފައެވެ. އެހިސާބުން އެ އިންސާނާއަށް ހާލަތަށް ކެތްކުރުން ނޫން ގޮތެއް ނެތެވެ.

ދެ ދުވަސް ފަހެވެ. ހަވީރު ސަޔަށް އިންސާފު ކުރާން މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގެ "ރޫފް ޓޮޕް"ގައި މިޔާ އިނީ ލުހާމްއާ އެކީގައެވެ. ދެ ޒުވާނުން ސައި ނިންމާފައި ފޭބީ އެކީގައެވެ. ލުހާމް ދިރިއުޅޭ އެޕާޓްމެންޓް ހުންނަ ގެއާ ހަމައަށް އާދެވުމުން އެތެރެއަށް ވަންނަން މިޔާ ގާތުން އޭނާ އެދުނެވެ.

"މިގަޑިއަކު ނޫން ދޯ. ބައްޕަ ބިޒީކަމުން ނުފެންނަތާ ދެ ދުވަސްވީ. ރިސޯޓު މީޓިން ނިންމާފައި ހަވީރު އައި ވާހަކަ ބައްޕަ މެސެޖުކުރި. އައި ހޭވް ޓު ގޯ. މިގަޑީ ގޮސްގެން ދިމާވާނީ." މިޔާ ބުންޏެވެ.

ގޭގެ ދަތުރުތައް ކުރުމަށް މަޒީދު ހަމަޖައްސާފައި ހުންނަ ޑްރައިވަރަށް މިޔާ ގުޅިއެވެ. ކާރު އަންނަންދެން މިޔާއާއެކު ލުހާމް މަޑުކޮށްލައިގެން ހުއްޓެވެ.

ގެއާ ދިމާއަށް ދުއްވަމުން ދިޔަ ކާރުގައި މިޔާ އިނެވެ. ދެ އަތުން ފޯނު ހިފަހައްޓާލައިގެން އިނދެ ހަވީރު ސަޔަށް ގޮސް ނެގި ފޮޓޯތައް އިންސްޓަގްރާމަށް ލަމުން އޭނާ ދިޔައެވެ. ލުހާމްއާއެކު ނަގާފައިވާ ފޮޓޯތަކުން އެންމެ ހިތްހަމަޖެހޭ ގޮތަށް ނެގިފައިވާ ފޮޓޯ ލީ ވަގުތު އޭނާއަށް ޖާހިދާގެ ފޯނުކޯލެއް އަންނަން ފެށިއެވެ.

"ދޮންތަ... ލަސްވެގެން ކަންނޭނގެ." މިޔާ ހިތާހިތުން ލަފާ ކުރިއެވެ. އަދި ޖާހިދާގެ ކޯލަށް ޖަވާބު ދިނެވެ.

"ކޮންތާކު؟. ތި ހުރިތަނަކުން ގެއަށް އާދޭ... ކަލޭގެ ބައްޕަ މަރުވެގެން މިއުޅެނީ." ޖާހިދާ ބުންޏެވެ. އެ އަޑުގައިވަނީ މީގެ ކުރީން މިޔާ ނާހާފަދަ ހާސްކަމެކެވެ.

"ވަޓް!... ދޮންތާ..." މިޔާއަށް ޤަބޫލުކުރަން ދަތިވިއެވެ. ހަމައެއާއެކު ބޮޑުދައިތަ އެވަރުގެ ދޮގެއް ނުހަދާނޭކަން އޭނާގެ ޟަމީރަށް އެނގެއެވެ.

"އަވަހަށް ގެއަށް އާދޭ." އަނެއްކާ ވެސް ޖާހިދާ ބުންޏެވެ.

"މިދަނީ... ކާރުގައި މީނީ... މިދަނީ ގެއަށް." މިޔާ އަވަސްއަރުވާލާފައި ބުންޏެވެ. އޭނާއަށް އިވުނު ނުބައި ޚަބަރު ނަގައިގަތުން ފަސޭހައެއް ނުވިއެވެ. އަމިއްލަ ނަފްސާ ތަކުރާރުކޮށް ސުވާލު ކުރެވެމުން ދިޔައީ ހަޤީޤަތުގައި ވެސް ބައްޕަ އަބަދަށް ޓަކައި އޭނާއާ ވަކިވީ ހެއްޔެވެ. ހަމަ އަސްލު ވެސް ބައްޕަ މަރުވީބާ އެވެ. އެކަމަކު އޭނާގެ ބައްޕަގެ މެސެޖު ލިބުނުތާ އަދި ތިން ގަޑިއިރު ނުވާނެއެވެ. އޭރު ބައްޕަ ހުރީ ހެޔޮހާލުގަ އެވެ. ކޮލެސްޓްރޯލަށް ބޭސް ކެޔަސް ބައްޕަ އުޅެނީ ބަލިވެއެއް ނޫނެވެ. މިޔާގެ ސިކުނޑީގައި ސުވާލުތައް ގިނަވި ވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔަ އެވެ. ކާރުގައި އިންނަން ވެސް އުނދަގޫ ވިއެވެ. ބޭނުންވަނީ ވަގުތުން ގެއަށް ވަންނާށެވެ. އިވުނު ޚަބަރުގެ ތެދުކަން ގައިމު ކުރާށެވެ.

ދޮރޯށިން ވަން ގޮތަށް މިޔާ އައީ ދުވަމުންނެވެ. ބޮޑުކޮޓަރީގެ ދޮރުން ވަދެވުނު ހިނދު އޭނާއަށް ސޯފާގައި އިން އަޖުލާ ފެނިއްޖެއެވެ. ޖާހިދާ ފެންނާކަށް ނެތެވެ. ގޭތެރެއަށް ނަޒަރު އުކަމުން މިޔާ އައިސް މަޑުކޮށްލީ އަޖުލާގެ ކުރިމަތީއެވެ.

(ނުނިމޭ)