ހައިކޯޓް

ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހަމަޖައްސަން އެއް ދުވަސް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލައިގައި ދައުވާ ހަލީމަތު ލަމްހާ ދުކޮށްލި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި މިއަދު ފަށައިފި އެވެ.

ދައުވާކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ ދައުލަތުގެ ފަރާތުންނެވެ.

މޭރީގެ މަރުގެ މައްސަލާގައި އުމުރުން 30 އަހަރުގެ މާވިން ހައްޔަރުކުރީ އޮކްޓޫބަރު 27، 2021 ގައެވެ. ލަމްހާ ހައްޔަރުކުރީ ނޮވެމްބަރު 16، 2021 ގައެވެ. ބަންދުކުރި ފަހުން ލަމްހާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ މިދިޔަ މަހު އެވެ. އެކަމަކު މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މޭރީގެ ފިރިމީހާ މާވިންގެ ބަންދަށް ކޯޓުން އެއްވެސް ލުޔެއް ދީފައެއް ނުވެ އެވެ.

ލަމްހާ ދޫކޮށްލި މައްސަލައިގައި ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ލަމްހާ އެދުނީ ދިފާއީ ވަކީލަކު ހަމަޖައްސަން ތިން ދުވަސް ދިނުމަށެވެ. ފަނޑިޔާރުންގެ ބެންޗުން ނިންމީ އެއް ދުވަަސް ދިނުމަށެވެ.

ވަކީލަކު ހަމަޖައްސަން ދިން މުއްދަތަށްފަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. ހައިކޯޓުގައި މިމައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދުއާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝަފީއު އެވެ.

މުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރަށް ޖަލަށްލާނެ އެވެ. ނަމަވެސް ހުކުމް ކުރުމުގައި ގާޒީ ނިންމަވާ ގޮތްތަކެއްގެ ސަބަބުން ކުށުގެ އަދަބު ބޮޑުވުމަކީ އޮތް ފުރުސަތެކެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.