ހަބަރު

އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް އަލުން ވަޒީފާ ދޭން ހުކުމް ކޮށްފި

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ މެޑިކަލް އޮފިސަރެއްގެ މަގާމުގައި ހުއްޓާ، ތ. ވޭމަންޑޫ ފުނަމާގެ، ޑރ. އަހުމަދު ޒިޔާދު މަގާމުން ވަކި ކުރީ ގާނޫނާއި ހިލާފަށް ކަމަށާއި 14 ދުވަސްތެރޭގައި ވަޒީފާ އަނބުރާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ޑރ. ޒިޔާދު އައިޖީއެމްއެޗުގެ މެޑިކަލް އޮފިސަރެއްގެ މަގާމުން ވަކިކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އޭނާ މަގާމުން ވަކި ކޮށްފައިވަނީ ވަޒީފާގެ މާހައުލުގައި އޭނާގެ އަހުލާގާ ގުޅޭ ގޮތުން ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިން އެކަމާ ޝަކުވާ ކޮށްފައިވަނިކޮށެވެ. އެހެންވެ މި މައްސަލަ އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އެވެ.

ޓްރައިބިއުނަލަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ވަޒީފާއިން ވަކި ކުރި ސަބަބަކީ އެކަށޭނަ ސަބަބެއް ނޫން ކަމަށް ކަނޑައަޅައިދިނުމާއި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ރުޖޫއަ ކުރުމަށެވެ. އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަނބުރާ ނެރޭ ދުވަހާއި ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ލިބިދިނުމަށް އެދިއެވެ.

ޓްރައިބިއުނަލުން އެ މައްސަލަ ބަލާ ނިންމާފައިވަނީ ވަޒީފާގެ މާހައުލުގައި ޑރ. ޒިޔާދުގެ އަމަލުތަކާއި ގުޅޭ ގޮތުން އެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމެންޓްތަކުގެ ވެރިން ޝަކުވާކޮށްފައިވާކަން އެނގެން އޮތް ކަމަށެވެ. އަދި ޒިޔާދު ވަޒީފާއިން ވަކި ކޮށްފައިވަނީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ކަމަށްވެސް ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާ އަނބުރާ އެ ވަޒީފާއަށް ދިޔުމަކީ ދެ ފަރާތުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އެހެން ނަމަވެސް ޑރ. ޒިޔާދު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ބަދަލުގެ ގޮތުގައި 90،540 ރުފިޔާ ނަގައި ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މިފައިސާ 5 ޑިސެމްބަރު 2016 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެއްފަހަރާ ޑރ. ޒިޔާދަށް ދިނުމަށްފަހު ފަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެކަން އެންގުމަށެވެ.

ޑރ. ޒިޔާދު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ކަނޑައެޅުމަށްފަހު، އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ރުޖޫއަ ކުރުމުގެ ބަދަލުގައި ހަމައެކަނި ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލައިގައި އަމުރު ކޮށްފައިވަނީ، ވަޒީފާ އާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ތަރުތީބާ ހިލާފަށް ކަމަށް ބުނެ، އޭނާގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޑރ. ޒިޔާދު އައިޖީއެމްއެޗުގައި އަދާކުރަމުން ދިޔަ މެޑިކަލް އޮފިސަރުގެ މަގާމުން އޭނާ ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމް ކުރެވިފައިނުވާ ކަމަށާއި އެހެން ކަމުން ބަދަލު ނަގައި ދިނުމަށް ޓްރައިބިއުނަލުން ކުރި ހުކުމް ބާތިލު ކުރާ ކަމަށެވެ.

ހައިކޯޓުން އިތުރަށް ބުނީ މުވައްޒަފު ވަޒީފާއަދާކުރި ގޮތާއި އަދި މުވައްޒަފުގެ އަޚްލާޤާއި ސުލޫކު ބެލުމަށް ވަޒީފާދޭ ފަރާތުން ކަނޑައަޅާފައިވާ އިޖްރާއަތަކީ ކަނޑައެޅިފައިވާ މުއްދަތުތަކުގައި އެމުވައްޒަފު މަސައްކަތް ކުރާ ގޮތް ބެލުން ކަމާއި، މިގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އަހަރަކު ދެފަހަރު ބެލެމުންދާ ކަމާއި އެގޮތުން ޒިޔާދުގެ މަސައްކަތުގެ ފެންވަރު ޖުލައި 2015 އިން 23 ޖެނުއަރީ 2016 އަށް ބެލި ގޮތުގެ ފޯމަށް ބަލާއިރު، އެފޯމުގެ މުވައްޒަފުގެ މަސައްކަތުގެ އަޚްލާޤު އަދި ސުލޫކީ މަސައްކަތުގެ ފެންވަރު ބެލޭ މުއްދަތުގައި ފުލް މާކްސް ލިބިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ޑރ. ޒިޔާދު ވަޒީފާއިން ވަކި ކޮށްފައިވާތީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރި އިރުހުރި އައިޖީއެމްއެޗުގެ މެޑިކަލް އޮފިސަރުގެ ވަޒީފާއަށް ހަމަޖެއްސުމަށާއި، އެވަޒީފާ ހަމަޖެއްސެން ނެތް ނަމަ، އޭނާ އަދާކުރަމުން ދިޔަ ވަޒީފާއާ އެއްބާވަތުގެ ވަޒީފާއެއް ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއް ދިނުމަށް ސިވިލް ސާވިސްގެ ކޮމިޝަންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

އަދި ޑރ. ޒިޔާދަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކި ވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، އޭނާ އެވަޒީފާގައި ހުރިނަމަ، ލިބޭނެ މުސާރައާއި އިނާޔަތްތައް ދިނުމަށްވެސް ވަނީ އަމުރު ކޮށްފަ އެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ، މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައި ޑރ. ޒިޔާދަށް ވަޒީފާ އަނބުރާ ދިނުމަށްފަހު ވަޒީފާ ހަމަޖެހޭތާ ހަތް ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން ހައިކޯޓަށް އެންގުމަށްވެސް ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ވަނީ އަމުރު ކޮށްފަ އެވެ.