ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއިކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އަށް މިރޭ ސޮއިކުރައްވައިފި އެވެ.

ރައީސް ޔާމީން އެންމެ ފަހުން ހުންނެވީ ޕީޕީއެމްގެ ރައީސްގެ ގޮތުގައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު އެކުލަވާލެއްވި މަރުހަލާގައި ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެ ރައީސް ޔާމީން ވަނީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ޔާމީން ޕީޕީއެމް އަށް ސޮއިކުރެއްވީ މިރޭ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ޔާމީންގެ ފޯމާ ހަވާލުވެވަޑައިގަތީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ.

މިރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައިގެންނެވިއިރު އެމަނިކުފާނަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށްވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އޮތީ މަނާކޮށްފަ އެވެ. ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެނެވި ނަމަވެސް ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ މަސްއޫލުވެރިިކަމުގައި ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ. ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.

ޕީއެންއެފް އަކީ ރައީސް ޔާމީން ސޮއިކުރެއްވި ހަތަރުވަނަ ސިޔާސީ ޕާޓީ އެވެ. ރާއްޖެއަށް ޕާޓީ ސިސްޓަމް އައުމާއެކު ރައީސް ޔާމީން އެންމެ ފުރަތަމަ ސޮއިކުރެއްވީ ޑީއާރްޕީ އަށެވެ. އޭގެފަހުން ޑީއާރްޕީއާއި މައްސަލަ ޖެހި ޕީއޭ ކިޔާ ޕާޓީއެއް އުފައްދަވައި އެ ޕާޓީގެ ލީޑަރުކަން ކުރެއްވި އެވެ. އޭގެފަހުން ޕީޕީއެމް އުފެއްދުމާއެކު ޕީއެންއެފް އަށް ސޮއިކުރައްވަންދެން ރައީސް ޔާމީން ހުންނެވީ ޕީޕީއެމް ގައެވެ.