މިނިސްޓްރީ އޮފް ހެލްތު

ކުރީގެ ސިއްހީ ހިދުމަތްތެރިން އަލުން ހިދުމަތަށް ނެރެން ދިރާސާއެއް ހަދަނީ

ސިއްހީ ދާއިރާގައި ކުރިން ހިދުމަތްކުރެއްވި ހިދުމަތްތެރިން އަލުން މަސައްކަތަށް ނެރެން ބާރު އެޅުމުގެ ގޮތުން ހާއްސަ ދިރާސާއެއް ހެދުމަށް ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބެނެފައިވަނީ މިފަދަ ދިރާސާއެއް ހަދަނީ އެކި ސަބަބުތަކާ ގުޅިގެން ސިއްހީ ހިދުމަތުން ދުރުވެފައިވާ ބޭފުޅުންނަށް އަލުން ހިދުމަތްކުުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

ދިރާސާގައި ބައިވެރިވުމަށް ބޭނުންވާ ކުރީގެ ހިދުމަތްތެރިން ކަމާ ގުޅޭ ފޯމު ހުށަހަޅައި މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ. މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 3014407 ނުވަތަ 3014419 ނަމްބަރަށް ގުޅުމަށްވެސް އެދިފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިވެސް ވަނީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ހެލްތު ވޯކަރުންގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނަށް ފުރުސަތުތަކެއް ލިބޭ ގޮތަށް ފ. އަތޮޅުގައި މިފަދަ ޕްރޮގްރާމެއް ފެށި އެވެ.