ގދ. ތިނަދޫ

ތިނަދޫ އަކީ ސިޓީއެއް ކަމަށް މަޖިލީހުގެ ކޮމިޓީންވެސް ކަނޑައަޅައިފި

ގދ. ތިނަދޫ އަކީ ލާމަރުކަޒީ ގާނޫނުގައި ބުނާ ސިޓީއަކަށްވާތީ އެ ތަނަށް ސިޓީ ކައުންސިލެއްގެ ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީން މިމައްސަލަ ބެލީ ނިމިދިޔަ ސަރުކާރުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ސިޓީއެއްގެ ގޮތުގައި އެތަން ހިންގަން ގޮންޖެހުންތަކެއް ހުރި ކަމަށް ފާހަގަކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް ތިނަދޫ ކައުންސިލުން މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ސިޓީއެއްގެ ގޮތުގައި ތިނަދޫ ހިންގަން ގާނޫނީ ގޮތުން ފުށު އަރާ ކަންތައްތަކެއް ހުރި ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ. އެގޮތުން ރަށު ކައުންސިލެއްގެ ގޮތުގައި ތިނަދޫ ކައުންސިލަށް މެންބަރުން ހޮވާ ދައުރުގެ މެދު ތެރެއިން ސިޓީއެއްގެ ދަރަޖަ ދިނުމުން އެ ކައުންސިލް ދެމިއޮންނާނެ ކަމަށް ގާނޫނުގައި އޮންނާތީ ކައުންސިލް ދެމި އޮންނަނީ ރަށު ކައުންސިލެއްގެ ގޮތުގައިތޯ ނޫނީ ސިޓީ ކައުންސިލެއްގެ ގޮތުގައިތޯ މިނިސްޓަރު އާދަމް ޝަރީފް ވަނީ ސުވާލު އުފައްދަވާފަ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ރަށު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން އެ ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ އެއިރު އޮތް ކައުންސިލުގެ ދައުރު ހަމަވަންދެން ސިޓީ ކައުންސިލް ހިންގާނީ އެެއިރު އިންތިހާބު ކޮށްފައިވާ ރަށު ކައުންސިލަކުންނެވެ.

މިމައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެއީ ސިޓީއެއް ކަމަށާއި އެތަން މިހާރުން ފެށިގެން ސިޓީ ކައުންސިލެއްގެ ގޮތުގައި ހިންގުމަށެވެ.

ނިމިދިޔަ ސަރުކާރުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތިނަދޫއަށް ވަޑައިގެން މިދިޔަ އޮގަސްޓް 30 ވަނަ ދުވަހު އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރައީސް ސޯލިހް ދެއްވީ ވެރިކަން ލިބިވަޑައިގެންފިނަމަ ގާނޫނީ އިމުގެ ތެރެއިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭންގައި ވައުދުވެވަޑައިގެންނެވި ފަހުންނެވެ. ނަމަވެސް ރައީސް މުއިއްޒު މިވައުދު ވެވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހް ވަނީ ތިނަދޫ، ސިޓީއަކަށް ބަދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ސިޓީއެއްގެ ދަރަޖަ ލިބޭ ޝަރުތުތައް

  • ސިޓީއެއްގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން
  • ޓާޝަރީ ހޮސްޕިޓަލެއް ހުރުން
  • ކޮމާޝަލް ހާބަރެއްގެ ހިދުމަތް ލިބެން ހުރުން.
  • ބޭންކެއްގެ ހިދުމަތް ލިބުން
  • ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް ހިމަނައިގެންނަމަ ސިޓީގެ މައި ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށަކަށްވުން
  • ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ހާސިލްކުރެވޭނެ މަރުކަޒެއް ހުރުން

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށް އެރުމުންނެވެ.

މިއަހަރު އާންމުކުރި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ތިނަދޫގެ އާބާދީ އަކީ 8،000 ވަރަކަށް މީހުންނެވެ. ނަމަވެސް އޭގެފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ. އީސީ އިން އިންތިހާބީ ދާއިރާތައް ކަނޑައަޅާނީ އާބާދީއަށް ބަލައިގެންނެވެ.

ރާއްޖޭގައި މިހާރު ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ތިނަދޫގެ އިތުރުން ރާއްޖޭގެ ވެރިރަށް މާލެ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށްޓަށެވެ.