ހަބަރު

ބްރިޖް ސާމާނާއެކު މާދަމާ ބޮޑު ބޯޓެއް ބަނދަރު ކުރަނީ

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ބިޔަ ޝިޕްމަންޓަކާއެކު މާދަމާ ބޮޑު ބޯޓެއް ރާއްޖެ ބަނދަރު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ގުޅީފަޅުން ފްލެޓު ގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓު ލިބޭ ކަމުގެ ލިޔުން ހަވާލު ކުރުުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މާދަމާއަކީ ބްރިޖުގެ މަސައްކަތް ފެށުމަށް ކުރެވިގެންދާނެ އެންމެ މުހިންމު އެއް މަސައްކަތް ރައްޔިތުންނަށް ފެނިގެންދާނެ އެއް ދުވަސް ކަމަށެވެ.

އެގޮތުން މާލެއާ ހުޅުމާލެ ދެމެދު އަޅައި ބްރިޖުގެ މަސައްކަތް ކުރުމަށް، އަދި މިހާތަނަށް ރާއްޖެ ނުގެނެވޭ ވަރުގެ ބޮޑު ކަނޑު ބޯޓެއް ގާދޫ ކޮލުން މާދަމާ ވަންނާނެ ކަމަށާއި އެބޯޓުގެ ތެރޭގައި ހަތަރު ބާޖާއި ޓަގެއް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން ވެސް ކެރޭންތަކާއި އެކި ބްރިޖު ހަދަން ބޭނުން ކުރާ ބޮޑެތި ސާމާނު ބޯޓުގައި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ބްރިޖު އެޅުމަށް ބޭނުންވާ މުހިންމު ބޮޑެތި މަސައްކަތް ކުރުމަށް ގެންނަ ފުރަތަމަ ޝިޕްމަންޓް. ނަމަވެސް ކުރިޔަށް އޮތްތާ މިފަދަ އެތަށް ޝިޕްމަންޓް ތަކެއް އަންނަތަން ފެންނާނެ. އަދި ދިވެހި ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންފައިވާ ގޮތަށް ބްރިޖު އެޅިގެންދާތަން ފެންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅަން ބޭނުންވާ ބޮޑެތި މެޝިނަރީއާއި އުޅަނދުތައް މާދަމާ އަންނަ އިރު މޯލްޑިވްސް ކަސްޓަމް ސާވިސަސް އިން ވަނީ ބްރިޖް އަޅަން ރާއްޖެ އެތެރެކުރާ ސާމާނު ކްލިއަކުރަން ހާއްސަ ނިޒާމެއް ގާއިމްކޮށްފި އެވެ. މީގެ އިތުރުން ބްރިޖު އަޅާ ކުންފުނި، ސީސީސީސީ އަށް މި ސާމާނުތައް ބަހައްޓައި ސައިޓު ހެދުމަށް ސަރުކާރުން ވަނީ މާލެއިންނާއި ހުޅުލެ އަދި ހުޅުމާލެ އިން ވަނީ ބިމެއް ދީފަ އެވެ.