މިނިސްޓްރީ އޮފް އެޑިއުކޭޝަން

ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމު ސްކޫލުތަކުގައި ފަށަނީ

އަންނަ ދިރާސީ އަހަރު ހުރިހާ ސުކޫލްތަކެއްގައި ހުނަރު ދަސްކޮށްދިނުމުގެ ޕޮރްގުރާމު ފެށުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިކަން ހާމަކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އާބަންކޯގެ އެހީތެރިކަމާއެކު ހުރަވީ ސްކޫލްގައި ގާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރުވެހި" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރުމަަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

"އެހެންވެ ރާއްޖޭގެ ކޮންމެ ސްކޫލެއްގައި އަންނަ ދިރާސީ އަހަރާ އެކީ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އެހީތެރިކަމާ އެކު "ދަސްވެށިގެ" ނަމުގައި ސްޓެމް ލެބަކާއި އެކު ދަރިވަރުންނާއި މުވައްޒަފުން އެކި ކުޅިވަރުތައް ކުޅެ ހިތްހަމަޖައްސާލަން "މަރިޔާދުގެ" ވެސް ހުރަވީ ސްކޫލުގައި ވަނީ ހަދާފަ އެވެ.

މާލޭގެ އެކި ސުކޫލްތަކުގައި އެކިކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށްވެސް އެ ސްކޫލަކުން ބޭނުންވާ ޕްރޮގްރާމުތައް ހިންގަ އެވެ.