ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަ ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު އައްޔަންކުރައްވައިފި އެވެ.
އިބްރާހީމް ހިލްމީ ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ އޭޕްރީލް 25، 1988 ގައެވެ.
ހިލްމީ، ސިފައިންގެ ހިދުމަތުގައި 35 އަހަރަށް ވުރެ ދިގު މުއްދަތަކު ހިދުމަތް ކުރެއްވިއިރު މިހާތަނަށް ވަނީ ސިފައިންގޭގެ ވަރަށް ގިނަ ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓްތަކެއް ފުރުއްވާފަ އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ހުންނެވީ ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމު ގައެވެ.
އިބްރާހީމް ހިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިޔުކޭޝަން (ޑައިޓް)ގެ ކޮމާންޑިން އޮފިސަރުކަމާއި، ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިންސިޕަލް ޑައިރެކްޓަރުކަމާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީއައިޑީސީ)ގެ ޕްރިންސިޕަލް ޑައިރެކްޓަރުކަމާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރުކަމާއި، ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރުކަން ކުރައްވާފަ އެވެ.
މީގެއިތުރުން ރާއްޖެއިން ޕާކިސްތާނަށް ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒަރގެ މަގާމުގައި ހުންނެވިއިރު ދެ ގައުމުގެ ދެމެދުގައި ބައިލޭޓަރަލް ޑިފެންސް ކޯޕަރޭޝަން އިތުރަށް ހަރުދަނާކުރުމުގައި ވަރަށް މުހިއްމު މަސައްކަތްތަކެއް ހިލްމީ ކުރައްވާފައިވާ ކަމަށް ސިފައިންގެއިން ބުނެ އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.