ދުނިޔެ

ޒަޔަނިސްޓުންނަށް މިވަގުތު ރައިފަލު ނުވިއްކާނެ: އެމެރިކާ

އޮކްޓޯބަރު ހަތެއްގައި ފަށައިގަތް ޣައްޒާ ހަނގުރާމައާ ގުޅިގެން ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ޒަޔަނިސްޓް ޔަހޫދީންގެ އާންމުންނަށް ރައިފަލް ދޭ ގޮތަށް ޒަޔަނިސްޓް ސަރުކާރުން އޮތީ ނިންމާފަ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ޔަހޫދީ ދިފާއީ ވަޒީރާއި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެންގަވީރުގެ އަމުރަށް ވަނީ އާންމުންނަށް ރައިފަލު ބަހާފަ އެވެ.

މިއީ ޔަހޫދީން އާންމުންނަށް ފަލަސްތީން އާންމުންގެ ތެރެއިން މީހަކު ގޯނާއެއް ކޮށްފިނަމަ ނުވަތަ ހިނގާ ދެބަސްވުމެއްގައި ޔަހޫދީން ބަލިވާނަމަ ބޭނުންކުރަން ދިން ބަޑިއެކެވެ.

ޒަޔަނިސްޓު ސަރުކާރުގެ އެދުމަށް އަތުބަޑި އާއި ރައިފަލް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.

އެމެރިކާއިން ބުނި ގޮތުން ޒަޔަނިސްޓު ސަރުކާރުން އެދިފައި އޮތް 20،000 ރައިފަލް މި ވަގުތު ނުވިއްކާނެ އެވެ. ސަބަބެއް ކަމަށް އެމެރިކާ ސަރުކާރުން ބުނީ ފަލަސްތީންގެ އާންމުންނަށް ލިބޭ ގެއްލުން ބޮޑުވާތީ ކަމަށެވެ.

ފަލަސްތީނުން ބިންތައް ފޭރިގަނެ ބިނާކޮށްފައި ހުރި ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ އާންމު ޔަހޫދިންގެ ޖެއްސުންކުރުމާއި އަނިޔާ ފަލަސްތީން މީހުންނަށް ވަރަށް ބޮޑެވެ.

ޒަޔަނިސްޓުންނަށް ހަތިޔާރު ވިއްކުމާ މެދު ގޮތެއް ނިންމާނީ، އެމެރިކާ ބުނި ގޮތުން ޒަޔަނިސްޓުންގެ ތެރޭގައި އުޅޭ ހައްދުފަނައެޅި މީހުން މައިތިރިކުރާނެ ގޮތެއް ޔަހޫދީ ސަރުކާރުން ރޭވުމުންނެވެ.

ޔަހޫދީންނަށް ރައިފަލް ވިއްކަނީ ޖެހުނުހާ މީހެއްގެ ބޮަލަށް ޖަހަން ނޫން ކަމަށް އެމެރިކާއިން ބުނެ އެވެ. އެއީ ހާލަތަށް ބަލައި އަމިއްލަ ނަފުސުގެ ދިފާއުގައި ބޭނުންކުރަން ފޯރުކޮށްދިން އެއްޗެއް ކަމަށްވެސް އެމެރިކާ ބުނެ އެވެ.

މީހެއްގެ ގަޔަށް ބަޑިޖަހަން ޖެހޭނީ އޭނާގެ ފުރާނައަށް ގެެއްލުން ނުވާ ގޮތް ބަލައި ވީހާވެސް ކުޑަ އަނިޔާއެއް ލިބޭ ގޮތަށް ކަމަށްވެސް އެމެރިކާގެ ވެރިން އޮތީ އަންގާފަ އެވެ.

ނަމަވެސް އިތަމާރު ބެންގަވީރު ކަހަލަ ބެންޔަމިން ނަތަންޔާހުގެ ކެބިނެޓުގައި ތިއްބެވި ބޯގުޑި ވަޒީރުންގެ ވިސްނުން އޮތީ އެމެރިކާއަށް ދޫކުރާ ގޮތަށް ނޫނެވެ. ކާންދޭ އަތުގައި ދަތް ނޭޅުމަށް ދޭ ނަސޭހަތް ދޫކޮށް -- އިތަމާރު ފަދަ ހަރުކަށި ޒަޔަނިސްޓުން ބޭނުންވަނީ ޖެހުނު ތަނެއްގައި ފަލަސްތީން މީހުންގެ ގަޔަށް ބަޑިޖަހައި މެރުމަށެވެ.

އެމެރިކާ ސަރުކާރުން ބުނާ ގޮތުން ޒަޔަނިސްޓުންނަށް ރައިފަލް ވިއްކާނީ ހައްދުފަހަނައެޅި ޔަހޫދީންގެ އަތަށް ރައިފަލް ނުދޭމަތިންނެވެ. އަދި އެ މީހުން މައިތިރިކުރާނެ ގޮތެއް ޒަޔަނިސްޓް ސަރުކާރުން ރޭވުމުންނެވެ.