ބޭސްފަރުވާ އާއި ކާބޯތަކެތި އަދި މިފަދައިން ޣައްޒާއަށް ބޭނުންޖެހިދާނެ ކިތަންމެ އެއްޗެއް މިހާރުވެސް ފަލަސްތީނަށް ފޮނުވާފައިވާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ޕޫޓިން އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރަޝިއާގެ އެހީތެރިކަން ކެނޑިނޭޅި ޣައްޒާއަށް ދެއްވާނެ ކަމަށެވެ.
މިސްރުގެ ރަފާހް ބޯޑަރު ކައިރީގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ފީލްޑް ހޮސްޕިޓަލެއް ބިނާކޮށްފައި ހުރި ކަމަށް ވިދާޅުވެ ޕޫޓިން ވިދާޅުވީ ސްޓޭޑިއަމެއްގައި ނަމަވެސް ރަޝިއާ އިން ހޮސްޕިޓަލެއް ޣައްޒާއަށް ހަދިޔާކުރައްވާނެ ކަމަށެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުއްޓާނުލައްވާނެ ކަމުގެ ޔަގީންކަންވެސް ޕުޓިން ދެއްވި އެވެ. އަދި މިފަދައިން އަމަލުކުރެއްވުމަށް ދުނިޔޭގެ ގައުމުތަކަށްވެސް އޭނާ ގޮވާލެއްވި އެވެ.
ޕޫޓިން ވިދާޅުވީ ޣައްޒާއަށް ހޮސްޕިޓަލެއް ހަދިޔާކުރެއްވުމަކީ ރަޝިއާއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ހޮސްޕިޓަލް މުޅިންވެސް ހިންގާނީ ރަޝިއާގެ ހަރަދުގައި ކަމަށެވެ.
ޣައްޒާއަށް އެހީތެރިކަން ވެއްދުމަށް މިސްރުން ހަރުދަނާ އަދި ދެމެހެއްޓެނިވި ދައުރެއް އަދާކުރަން ޖެހޭ ކަމަށާއި އިންސާނީ އެހީތެރިކަން ޣައްޒާއަށް ވެއްދުމަށްޓަކައި ޒަޔަނިސްޓުން ޔަހޫދީންވެސް ރުހެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އަދި އިންސާނީ ބިނާތައް ގާއިމުކުރުމުގައި އުޅޭ އެއްވެސް މީހަކަށް ޔަހޫދީ ސަރުކާރުން ޖެއްސުންކޮށްގެން ނުވާނެ ކަމަށެވެ.
ރަޝިއާއިން ޣައްޒާއަށް ވައްދާ ކޮންމެ އުޅަނދެއް އަދި ހަރަކާތްތެރިވާ ކޮންމެ މީހެއްގެ ތަފްސީލު ޒަޔަނިސްޓު ވެރިންނާ ހިއްސާކުރައްވާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޣައްޒާއަށް އެހީ ވެއްދުމާ ބެހޭ ގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާވެސް މަޝްވަރާކުރެއްވި ކަމަށެވެ. ސީސީ ހުންނެވީ ފުރިހަމަ އެއްބާރުލުން ދެއްވާ ގޮތަށް -- ތައްޔާރަށް ކަމަށްވެސް ވިދާޅުވި އެވެ.
ޒަޔަނިސްޓު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުކުރައްވައި ޣައްޒާގައި ޕްރޮގްރާމްތަކެއް ރަޝިއާއިން ހިނގާނެ ކަމަށް ދެންނެވި ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
ނަތަޔަންހޫ ވިދާޅުވީ ކަމަށް ޕޫޓިން ވިދާޅުވީ ޣައްޒާގެ މަސްރަހު މިވަގުތު ހުރީ މަސައްކަތަކަށް ރައްކާތެރި ގޮތަކަށް ނޫން ނަމަވެސް -- ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ދެކޮޅު ނޫން ކަމަށެވެ.
ޕޫޓިން ވިދާޅުވީ މަސްރަހަށް ބަލައިގެން ނަމަވެސް ޣައްޒާއަށް އެހީތެރިކަން ވައްދާނެ ކަމަށާއި ޣައްޒާ އާބާދުކުރުމުގައިވެސް ރަޝިއާގެ ހިއްސާ އޮންނާނެ ކަމަށެވެ.