މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފި އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މި ހަވީރު ކުރިއަށް ދިޔައީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
މިހަވީރު ޝަރަފުވެރި ކޮށްދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް އެވެ.
ހަވީރުގައި ކުރެހުމާއި ކުލަޖެއްސުމާއި ކުޑަކުދިންނަށް ދިވެހި ތާރީހާއި ކުޅިވަރު ދައްކައިދޭ ހަރަކާތްތަކާއި ދިވެހި މަސައްކަތްތެރިކަން ދައްކައިދޭ ހަރަކާތްތަކާއި ކުޑަކުދިންނަށް ތަފާތު ބާވަތްތަކުގެ ހަދިޔާ ބެހުންވެސް ކުރިއަށް ދިޔަ އެވެ.
މީގެއިތުރުން މިހަވީރުގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ފަރާތުންވެސް ކުޑަކުދިންނަށް ބައިވެރިވެވޭ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އަދި ހަވީރުގައި ބައިވެރިވާ ފަރާތްތަކަށް ކެންޓީނުގެ ހިދުމަތާއި ފުރަތަމަ އެހީގެ ހިދުމަތް ލިބޭނެ އިންތިޒާމުވެސް ހުރީ ހަމަޖައްސާފަ އެވެ.
ހުރަވީ ދުވަހާ ގުޅުވައިގެން ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ މާދަމާ ރޭ ސޯޝަލް ސެންޓަރު ގައެވެ. އަދި "ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު"ގެ ނަމުގައި ދޮންބަންޑާރައިންގެ ޝަހްސިއްޔަތާއި ދޮންބަންޑާރައިންގެ ޖިހާދުގެ ޒިކުރާ އާކުރުމުގެ މަގުސަދުގައި މައުރަޒެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މި މައުރަޒު ކުރިއަށްދާނީ ގައުމީ ދާރުލްއާސާރުގައި މިމަހުގެ 17 އިން 21 އަށެވެ.
ހުރަވީ ދުވަހަކީ ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަން ކުރެއްވި ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހެވެ.