ޑރ. މުހައްމަދު މުއިއްޒު

ލަދުހުތުރު މަންޒަރު ހިމެނޭ ހުރިހާ ވެބްސައިޓެއްގައި ތަންޑު އަޅުވާނަން: ރައީސް

ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުރަދޫ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ހިންގުމުގެ ސިޔާސަތު ބިނާވެފައިވަނީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމަށެވެ. އިންސާނީ ބިނާކުރުމުގައި ގައުމު ދެކެ ލޯބިވުމުގެ ފުން އިހްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރާނެ ކަމަށާއި އެކަމާ ގުޅޭ މަޝްރޫއު ކަމުގައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.

"މިގޮތުން ސަރުކާރުގެ ހަފުތާ 14 ތެރޭގައި ހިމަނުއްވައިގެން ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި، ގައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެ. އަދި މަދުރުސާ ކުދިންގެ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތުގެ ނާރެސް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަފުހޫމަކުން ބަލާނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމަށެވެ. އަދި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި ވިދާޅުވި އެވެ. މިގޮތުން ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށާއި މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް އެފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ،" ރައީސް ވިދާޅުވި އެވެ.

ދީނުގައި ވައުދު ފުއްދުމަށް ދީފައިވާ މުހިއްމުކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހާސިލްކުރާނެ ކަމަށް ވައުދުވި ކަންކަން އެ މުއްދަތުގެ ތެރޭގައި ކާމިޔާބުކަމާއެކީ ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

"ރަސޫލާ ސަލަﷲ އަލައިހިވަސައްލަމް ހަދީސް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ މުނާފިގުން ވާހަކަ ދައްކާނަމަ ދޮގު ހަދާނެ ކަމަށް. ވައުދެއްވެއްޖެނަމަ އެ ވައުދާ ހިލާފުވެ ހިޔާނާތްތެރިވާނެ ކަމަށް -- އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ އަޅުގަނޑުވެއްޖެ ވައުދަކަށް އަޅުގަނޑު އަމާނާތްތެރިވާނެކަން،" ރައީސް ވިދާޅުވި އެވެ.