ހަބަރު

އަޑުބަރޭ އިތުރު 10 ދުވަހަށް ބަންދުކޮށްފި

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނަގައި، އިންޒާރު ދޭން އުޅުނު މައްސަލާގައި ހައްޔަރުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި އެމްޑޕީ ގައުމީ މަޖިލިސްގެ ތުލުސްދޫ ދާއިރާގެ ރައީސް އަސްއަދު އަލީ (އަޑުބަރޭ)ގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ. އަޑުބަރޭ ހައްޔަރުކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު އެވެ.

މިއީ އަޑުބަރޭގެ ބަންދު އިތުރުކުރި ދެވަނަ ފަހަރެވެ. މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް އަޑުބަރޭ ހާޒިރުކޮށް ބަންދަށް 10 ދުވަސް ޖަހާފައިވާއިރު މިދިޔަ އާދިއްތަ ދުވަހު އަޑުބަރޭގެ ބަންދަށް ތިން ދުވަސް ޖެހި އެވެ.

އަމީނީމަގު ހެޕީ މާކެޓު ކައިރިން އަޑުބަރޭ ހައްޔަރުކުރީ ކޯޓު އަމުރު ދެއްކުމަށްފަހު އެވެ. ގާޒީ ބާރީއަށް އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ ކްރިމިނަލް ކޯޓުން، ސިޓީއަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ގާޒީ ބާރީގެ ފޮޓޯއެއް ނަގާ އިންޒާރުދޭން މަސައްކަތް ކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކްރިމިނަލް ކޯޓް ހުންނަ ޖަސްޓިސް ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި ތެރެއިންނެވެ.

ކްރިމިނަލް ކޯޓުން ފުލުހުންނަށް ހުށަހެޅި ސިޓީގައި، ގާޒީ ބާރީއަށް އިންޒާރު ދިން މީހާ ދުއްވަން އިން ސައިކަލްގެ ނަންބަރު ޖަހާފައިވެ އެވެ. ސިޓީގައި ބުނެފައިވާ ގޮތުގައި، އެމީހާ ވަނީ "ކަލޭ ފޮޓޯއެއް ނަގަން އެބަ ޖެހޭ. ކަލޭމެން ގާޒީން ކަންތައް ކުރާގޮތް އަހަރެމެންނަށް އެނގޭ. ކަލޭ ހަދާއެއްޗެއް ހަދާ! ކަލޭގެ ފޮޓޯ ނަގާނަން" މިހެން ބުނެ ގާޒީ ބާރީއަށް އިންޒާރުދީފަ އެވެ.

ގާޒީ ބާރީ ވަނީ ސައިކަލުގައި ދިޔަ މީހާ ގާޒީ ބާރީގެ ނުރުހުމުގައި ފޮޓޯ ނަގައި އިންޒާރުދީފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައެވެ. ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަޑުބަރޭއަކީ ސިޔާސީ ހަރަކާތްތަކުން ފެންނަ މޫނެކެވެ. ކުރިން ޑީއާރްޕީގެ ހަރަކާތްތަކުގައި ވަރަށް ހަރަކާތެރިކޮށް އަޑުބަރޭ ފެނިފައިވާއިރު މިހާރު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ޑީއާރްޕީއިން ވަކިވުމާ ގުޅިގެން އަޑުބަރޭ ވެސް ވަނީ އެ ޕާޓީ ދޫކޮށްލާ، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކޮށްފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްކެވި ވާހަކައެއްގެ ސަބަބުން އޭނާގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވުމުން ގާޒީ ބާރީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މޭޑޭގެ މުޒާހަރާގެ ކުރީ ސަފުގައި އަޑުބަރޭ ހަރަކާތްތެރިވެފައިވެ އެވެ.