އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަލާމަތީ މުޝީރު ޖޭކު ސުލިވާން މެދުއިރުމައްޗަށް ވަޑައިގަންނަވަނީ އެވެ. ބޭނުމެއް ކަމަށް ރިޕޯޓްތައް ބުނަނީ ޣައްޒާ ހަނގުރާމަ މައިތިރިކުރެއްވުން ކަމަށެވެ.
ޖޭކު ސުލިވާން މެދުއިރުމައްޗަށް ވަޑައިގެން -- ފަލަސްތީންގެ ބިންތައް ފޭރިގަނެ އުފައްދާފައި އޮތް ޒަޔަނިސްޓު ސަރުކާރުގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ. އަދި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި ޣައްޒާ ހަނގުރާމަ މައިތިރިކުރުވޭތޯ މަސައްކަތް ކުރައްވާނެ އެވެ.
ޣައްޒާ ހަނގުރާމަ މައިތިކުރެވޭތޯ މަސައްކަތްކުރެއްވި ނަމަވެސް ހަމަލާތައް މުޅިން ހުއްޓާލުމަށް އެމެރިކާ ބާރު ނާޅާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ހަނގުރާމަ ވަގުތީގޮތުން ނަމަވެސް ހުއްޓާލުމަކީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ނަތަންޔާހޫއަށް މުޝީރު ދަންނަވާނެ އެވެ.
ޣައްޒާއަށް ޒަޔަނިސްޓު ޔަހޫދީން ދިން ހަމަލާތަކުގައި 18،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ ޣައްޒާގައި ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ބުނާ އަދަދެވެ. ނަމަވެސް ފަލަސްތީންގެ ރެޑް ކްރެސެންޓް ފަދައިން މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނާ ގޮތުން ޣައްޒާގައި މަރުވި މީހުންގެ އަދަދު ވަނީ 20،000 ފަހަނައަޅާނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާގައި މަރުވި މީހުންގެ އަދަދު ކަމަށް ބުނެ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނަނީ ރަނގަޅު އަދަދެއް ނޫނެވެ. އެހާ ގިނަ މީހުން މަރުނުވާނެ ކަމަށް ބައިޑަން ދެކެވަޑައިގަނެ އެވެ.
ނަމަވެސް ބައިޑަންގެ ސަލާމަތީ މުޝީރަކު މެދުއިރުމައްޗަށް ފޮނުވުމަކީ -- ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޣާއްޒާ ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ޕްރެޝަރު ޖެހިފައި އޮތް ކަމުގެ އަލާމާތެކެވެ.
ޣައްޒާ ހަނގުރާމަ މިއަދާ ހަމައަށް ދިގުލުމުގެ މައިގަނޑު ސަބަބަކީވެސް އެމެރިކާ އެވެ.
ޒަޔަނިސްޓުންނަށް އެމެރިކާއިން ހަތިޔާރު ސަޕްލައި ނުކޮށްދޭނަމަ ހަނގުރާމަ މައިތިރިވެ އޮންނާނީ ވަރުފައިބާފައި ކަމަށް ސަލާމަތީ މާހިރުން ދެކެ އެެވެ.
ޔަހޫދީންނަށް ކެނޑިނޭޅި އެހީތެރިވާން އެމެރިކާ ބޭނުންވެ އެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުގެ ނުރުހުން އެމެރިކާއަށް އަމާޒުވުމަކީ ބައިޑަން ސަރުކާރަށް ވަރަށް ބޮޑު މައްސަލަ އެކެވެ.
ޖޭކު ސުލިވާން މެދުއިރުމައްޗަށް ފޮނުވުމުގެ ބޭނުނަކީ ޒަޔަނިސްޓް ވެރިންނާ ވާހަކަދައްކައި ޣައްޒާ ހަނގުރާމައިގެ ފެންވަރު ދަށްކުރުމެވެ. އަދި އެމެރިކާއަށް އޮތް ޕްރެޝަރު ދަށްކުރުމެވެ.